ޚަބަރު

ރާއްޖެއަށް ލިބިފައި އޮތް ޖާގައެއް ގެއްލުނީކީ ނޫން، މިއުޅަނީ އަލަށް އެއްޗެއް ލިބިގެން: ފައްޔާޒު

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމާއެކު ރާއްޖެއަށް ލިބިފައި އޮތް ޖާގައެއް ގެއްލުނީ ކަމަށްބުނެ ދައްކަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އިޓްލޮސްގައި މޮރިޝަސް އިން ރާއްޖޭގެ ކަނޑުގެ ބޮޑުބައެއް ހޯދުމަށް ވަކާލާތުކުރި ނަމަވެސް، އިއްޔެ ކުރި ހުކުމުން ރާއްޖެއަށް ވަނީ ކާމިޔާބީ ލިބިފައެވެ. އިޓްލޮސްގެ ހުކުމާއެކު ރާއްޖެއަށް ވަނީ 200 މޭލުގެ ސަރަހައްދެއް ލިބިފައެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ އެއްވެސް އިރެއްގައި ރާއްޖެއަށް 200 މޭލު ކަނޑައެޅިފައި ނުވާ ކަމަށާއި އީއީޒެޑް ކަނޑައެޅިފައި އޮތީ އުތުރުގައި ކަމަށެވެ. އަދި އެއީ ވަރަށް ބޮޑަށް އޮޅުވާލައިގެން ދައްކާ ވާހަކަތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަދި ކިރިޔާ އަޅުގަނޑުމެންގެ އަތަށް މި ލިބުނީ އެތަނުގައި އިގުތިސާދީ މަސައްކަތެއް ކުރަން. އަދި ކިރިޔާ 12 މޭލު ބޭރުން މި ލިބުނީ. ލިބިފައި އޮތް ތަނަކުން އެއްޗެއް ގެއްލުނީކީ ނޫން، އަޅުގަނޑުމެންނަށް އަލަށް އެއްޗެއް ލިބިގެން މިއުޅަނީ. ވަރަށް ބޮޑަށް އޮޅުވާލައިގެން ދައްކާ ވާހަކައެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ މިދިޔަ އަހަރުގެ ބަޖެޓު ދުވަސްވަރުގެ ކުރިން ޗާގޯސްއަކީ ރާއްޖޭގެ ތަނެއްގެ ގޮތަށް ދުވަހަކުވެސް ވާހަކަދެކެވިފައި ނުވާ ކަމަށާއި ހުރިހާ ރައީސުންގެ ނިންމުންތަކާއި ބައިނަލްއަގުވާމީ މުޖުތަމައުގައި އަމަލުކޮށްފައި ހުރި ގޮތުން ރާއްޖެއިން އެއްވެސް އިރެއްގައި ޗާގޯސްއަކީ ހިރާއްޖޭގެ ތަނެއް ކަމަށް ނުދެކޭކަން ހާމަވާ ކަމަށެވެ.