ޚަބަރު

އިޓްލޮސްގައި ދައްކާނެ ވާހަކަތަކަށް ދާންދެން ހުރިހާ މައުލޫމާތުތަކެއް މަޖިލީހަށް ހިއްސާކުރިން: ރައީސް

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ދައްކާނެ ވާހަކަތަކަށް ދާންދެން ހުރިހާ މައުލޫމާތުތަކެއް ރައްޔިތުންގެ މަޖިލީހަށް ހިއްސާކޮށްފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިޓްލޮސްގައި މޮރިޝަސް އިން ރާއްޖޭގެ ކަނޑުގެ ބޮޑުބައެއް ހޯދުމަށް ވަކާލާތުކުރި ނަމަވެސް، އިއްޔެ ކުރި ހުކުމުން ރާއްޖެއަށް ވަނީ ކާމިޔާބީ ލިބިފައެވެ. އިޓްލޮސްގެ ހުކުމާއެކު ރާއްޖެއަށް ވަނީ 200 މޭލުގެ ސަރަހައްދެއް ލިބިފައެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން ނިންމުންތައް ނިންމުމުގައި ވަޒީރުންގެ މަޖިލިސް އަދި ރައްޔިތުންގެ މަޖިލީހުގެ ލަފައެއް ވެސް ހޯދާފައި ނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ދިޔައީ ރައްޔިތުންގެ މަޖިލީހަށް ހިއްސާކުރަން ޖެހޭ ހުރިހާ މައުލޫމާތުތަކެއް ހިއްސާކުރަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯދަން ޖެހޭ ކަމެއް އޮތްކަމަށްވަންޏާ އެކަމެއް އަޅުގަނޑުމެން ކުރާނަން. ޗާގޯސްގެ މައްސަލައިގައި ދެ ފަހަރަކު އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ހިއްސާކުރިން، 2022 ގައި ވެސް އޮންނާނެ. ކެބިނެޓުގައި މިކަމާ ދޭތެރޭގައި ކުރި ކޮންމެ މަޝްވަރާއެއް އެޓާނީ ޖެނެރަލް މެދުވެރިކޮށް އަޅުގަނޑުމެން އޮންނާނެ ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައި. 17 ފެބްރުއަރީ 2022 ގައި އެއްފަހަރު، އޭގެ ފަހުން އަނެއްކާ ހިއްސާކޮށްފައިވާނެ އަޅުގަނޑުމެން އެތަނުގައި ދޭނެ ޖަވާބަކާއި ދައްކާނެ ވާހަކަތަކަށް ދާންދެން. އެ ހުރިހާ އެއްޗެއް ހިއްސާކޮށްފައި އޮންނާނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިޓްލޮސްގެ ހުކުމާއެކު ކަނޑައެޅިގެން ދިޔައީ ހާއްސަ އިގުތިސާދީ ސަރަހައްދެއް ކަމަށާއި ކުރިން އެއީ އެންމެން ބޭނުންކުރަމުން އައި ސަރަހައްދެއް ކަމަށެވެ. އަދި 12 މޭލަށްވުރެ 200 މޭލަކީ ބޮޑު ސަރަހައްދެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ހިތުން އެއީ ބޮޑު ސަރަހައްދެއް. އެގޮތުން ބަލާ ނަމަ، އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބެއް. ހަގީގަތުގައި އަސްލު ދެކުނުގައި ކަނޑައެޅިގެން މިދިޔައީ. ދެން މީގެން ބައެއް ގެއްލޭ ކަމަށްވަންޏާ، ދެންވާނީ އަޅުގަނޑުމެންނަށް އެއްޗެއް ގެއްލުނު ކަމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.