ޚަބަރު

"ކަނޑުފަޅުގެ ނަފާ"ގެ ނަމުގައި މަސްވެރިންނަށް ސަރުކާރުން ލޯނެއް ދޫކުރަނީ

އަހުމަދު ޖައިޝަން

މަސްދޯނި ފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމް ގާއިމުކުރުމަށް "ކަނޑުފަޅުގެ ނަފާ"ގެ ނަމުގައި ސަރުކާރުން ދޫކުރާ ލޯން ސްކީމަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ ލޯން ސްކީމަކީ ފިޝަރީޒް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ލޯނު ސްކީމެއް ކަމަށެވެ.

އެ ލޯނު ސްކީމުގެ ދަށުން ޖުމްލަ 3.08 މިލިއަން ރުފިޔާ އާ ހަމައަށް ފައިސާ ދޫކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ ލޯން ސްކީމުގެ މަގުސަދަކީ މިހާރު ރާއްޖޭގެ އެކި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީއާއި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކޮށް، މަސްވެރިކަމުގައި ބޭނޭ މަސް ގިނަ ވަގުތު ތާޒާ ކަންމަތީ ދޯނީގައި ރައްކާކޮށް، ކަނޑުމަތީގައި ގިނަ ވަގުތު ހޭދަކުރެވޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.

އެ ލޯނު ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު މެއިމަހުގެ 26ގެ ނިޔަލަށް ހުޅުވާލާފައި ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.