ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމުމަކީ ބޮޑު ކާމިޔާބީއެއް ކަމަށާއި އެކަމުގެ ސަބަބުން ދެކެނުގެ މަސްވެރިކަމަށް ގެއްލުން ނުވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ އިޓްލޮސްއިން ހުކުމް ކުރުމުގެ ކުރިން ރާއްޖެއަށް ލިބިފައިވަނީ ހަމައެކަނި ގާނޫނުގައި ބުނާ 12 ނޯޓިކަލްމޭލް ކަމަށެވެ. އެ ސަރަހައްދުން ބޭރުގައި ދާ އަޅައިގެން މަސްވެރިކަން ކުރިޔަސް ސަރުކާރަށް ކުރެވޭނެ ކަމެއް ނޯންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް މިއަދު އިޓްލޮސްއިން ކުރި ހުކުމާއެކު ރާއްޖެއަށް މިހާރު އެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކުރާ ކަންކަން ހުއްޓުވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑު ހިތުން މީ ރާއްޖެއަށް ލިބުނު ކާމިޔާބެއް. ދެން ހަމަ ގައިމުވެސް މި ސަރަހައްދުގަ އެކަހަލަ ކަމެއް ކުރިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެންގެ ކޯސްޓްގާޑުން ބަލަހައްޓަމުން ދާނެ އެހެން ތަންތަން ބެލެހެއްޓި ގޮތަށް. އަދި ރާއްޖޭގެ މަސްވެރިންނަށްވެސް އިތުރު ފައިދާތަކެއް މީގެންވާނެ. އަނެއްކާ މިއަދުގެ ހުށެހެޅުން ނިންމި އިރު މޮރިޝަސްއިން އެބައޮތް ހުށަހެޅުމެއް ހުށަހަޅައިފަ، ޗާގޯސްގެ އެ ސަރަހައްދަކީ ތިމަންނަމެން ޕްރޮޓެކްޓިވް އޭރީއާއެއްގެ ގޮތުގައި ބަލަހައްޓާނަމޭ. އެހެންކަމުން އެއީ ރާއްޖޭގެ މަސްވެރިންނަށް ލިބިގެންދާނެ ފައިދާއެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ސަރަހައްދުގެ ދިރުން ހިމާޔަތްކުރުމަށް އެންވަޔަރުމެންޓް މިނިސްޓްރީން މޮރިޝަސްއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ މިއަދު މިއީ ރާއްޖެއަށް ފުރިހަމަ މެރިޓައިމް ބައުންޑަރީއެއް ލިބިގެންދިޔަ ދުވަސް ކަމަށެވެ.