ޚަބަރު

މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީގެ ހުރިހާ މައުލޫމާތުތައް ހިއްސާކުރެވިދާނެ: ރައީސް

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައާ ގުޅޭގޮތުން މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ފޮނުއްވި ސިޓީގައި ހިމެނޭ ހުރިހާ މައުލޫމާތުތައް ހިއްސާކުރެވިދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ވަނީ އިޓްލޮސްގެ ހުކުމުގައި އެޓޭޗުކޮށްފައި ކަމަށެވެ.

ރައީސް ވިދާޅުވީ 2019 ވަނަ އަހަރު ޗާގޯސްގެ މައްސަލައިގައި އދ. ގައި ރާއްޖެ އިން ވޯޓު ދިނީ މޮރިޝަސްއާ ދެކޮޅަށް ކަމަށެވެ. އެގޮތަށް ވޯޓު ދިނީ ރާއްޖެއަކީ އިސްތިއުމާރުކުރު ގައުމުތަކާ ދެކޮޅު ގައުމަކަށް ވުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތަށް އޭރު ވޯޓު ދިން މައިގަނޑު ސަބަބަކީ ރާއްޖޭގެ މަސްލަހަތު އޮތް މައްސަލައެއް މޮރިޝަސްއިން ހުށަހަޅާފައިވާތީ އެކަމަށް "ޕްރޮޓެސްޓް ކުރަން" ކަމަށް ރައީސް ވިދާޅުވިއެވެ.

"އެވާހަކަ އަޅުގަނޑު ބުނެ އިންނާނީ (ސިޓީ)ގައި ދެން އެ މައްސަލަ އަތުވެއްޖެޔާ އަޅުގަނޑުމެން އަމަލު ކުރާނީ މިގޮތަށޭ. އެއީ އިނގިރޭސިން ތަނެކޭ އަޅުގަނޑުމެން ނުބުނާނަމޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޓީ ފޮނުވުމުގެ މަގުސަދަކީ މޮރިޝަސްއަކީ ގާތް އެކުވެރި ގައުމަކަށްވުމުން ރާއްޖެއިން އަމަލުކުރާނެ ގޮތް ސާފުކޮށް ދިނުމަށް ކަމަށެވެ.

"އެއަކު ލިޔެފައެއް ނޯންނާނެ ތި ވިދާޅުވާ ހަނގުރާމަތީ ބޯޓުތަކާ އެއްޗެހި ވަދެގެން އަޅުގަނޑުމެންގެ ސަރަހައްދުގެ ތެރެއަށް ވަންނާނެ ވާހަކައެއް. އެ ހަމަ ދިމާ ދޮގު،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ކަމަށް ބުނެ އާންމުވެފައިވަނީ ސައްހަ ނޫން ސިޓީއެއް ކަމަށެވެ.