ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި އިޓްލޮސް އިން ނިންމި ނިންމުން ބަލައިނުގަންނަން ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދެއްކުން ބައިނަލްއަގުވާމީ އުސޫލުތައް ތަން ނުދޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިގޮތަށް ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ. ނަޝީދު ވިދާޅުވީ ރާއްޖެއިން ޗާގޯސްގެ ސިޔާސަދު ގަބޫލުކުރުމުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް މަދުވެފައިވާ ކަމަށާއި އަދި ރާއްޖެއަށް އެންމެ ރަނގަޅީ އިޓްލޮސްގެ ނިންމުމަށް ބަލައިނުގަތުން ކަމަށެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވިދާޅުވީ ނަޝީދު އިޓްލޮސްގެ ނިންމުން ގަބޫލުނުކުރުމަށް ގޮވާލައްވާ އިރު، އެ ޓްރައިބިއުނަލަކީ ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެއްގެ ދަށުން ހަދާފައިވާ ތަނެއް ކަމަށެވެ.
ޝާހިދު ވިދާޅުވީ އިޓްލޮސްގެ ނިންމުންތައް ބަލައިގަތުމަކީ ލާޒިމުކަމެއް ކަމަށެވެ. އަދި ވިދާޅުވީ 2010 ވަނަ އަހަރު ނަޝީދު އަދި އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު މޮރިޝަސްގެ ސަރުކާރުގެ ބޭފުޅުންނާ ބައްދަލުކުރައްވައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ އިޓްލޮސްގެ މިއަދުގެ ނިންމުމަށް ޝަހީދު ތައުރީފުކުރައްވައި ރާއްޖެއަށް މަރުހަބާ ދަންނަވާފައިވާ ކަމަށެވެ.
"ދެގައުމުގެ ދޭތެރޭގައި މެރިޓައިމް ބައުންޑްރީ ކަނޑައެޅުމަށް އެއްބަސް ނުވާނެތާ ރައީސް ނަޝީދުގެ ސަރުކާރަކުންނެއް މިތަނަކީ ރާއްޖޭގެ ތަނެއް ކަމުގައި ވަންޏަކާ. ބައިނަލް އަގުވާމީ މިފަދަ ނިންމުންތަކަށް ބޯނުލެނބުމަށް ގޮވާލާ ވާހަކަ ދެއްކުން އެއީކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބައިނަލްއަގުވާމީ އުސޫލުތައް ތަންދޭ ކަމެއް ނޫން،" ޝާހިދު ވިދާޅުވިއެވެ.
ނަޝީދަށް ރައްދުދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އިޓްލޮސްގެ ޓްރައިބިއުނަލަކީ ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެއް ކަމަށާއި އެމުއާހަދާގައި ބައިވެރިވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ކަމަށެވެ. އަދި އެ މުއާހަދާގެ ދަށުން ނިންމާ ހުރިހާ ކަމެއްވެސް ހުރިހާ ގައުމަކުން ބަލައިގަންނަން ޖެހޭ ކަމަށާއި އެހެންކަމުން ރާއްޖެއިންވެސް އިޓްލޮސްގެ ނިންމުންތައް ބަލައިގަންނަން ޖެހޭނެ ކަމަށެވެ.