ޚަބަރު

ވޯޓު ކަރުދާހާއި ވޯޓު ފޮށިތައް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ފަށައިފި

އަހުމަދު ޖައިޝަން

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޭނުންކުރާ ވޯޓު ފޮށިތަކާއި ކަރުދާސްތައް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފި އެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އިންތިހާބުގައި ބޭނުންވާނެ ވޯޓު ފޮށްޓާއި ވޯޓު ކަރުދާހުގެ އިތުރުން ބޭނުންވާނެ އެހެން ތަކެތިވެސް ފޮނުވުމުގެ މަސައްކަތް ވަނީ ރޭގައި ފަށާފައި ކަމަށެވެ.

އަދި އެ މަސައްކަތް އަންނަ މަހުގެ ދެއެއްގެ ކުރީން ނިންމާލެވޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ވޯޓު ފޮށިތައް ގެންގޮސްފައިވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރަކާއި ފުލުހަކާއެކުގައި ކަމަށެވެ.

އަންނަ މަހުގެ ހައެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި 264،442 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެން ވެއެވެ.

މި އިންތިހާބުގައި 387 ކެންޑިޑޭޓުން ވާދަކުރާ އިރު، 505 ވޯޓް ފޮށި ބަހައްޓަން އީސީން ވަނީ ނިންމާފައެވެ.