އއ. ތޮއްޑޫގައި ދެ ބިދޭސީއެއްގެ ދެމެދު ހިންގި މާރާމާރީއެއްގައި އެކެއްގެ ކަރަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ތޮއްޑޫ ކައުންސިލްގެ މެމްބަރު އަލީ އާދަމް "ވަން" އަށް މިރޭ ވިދާޅުވީ ރެސްޓޯރެންޓެއްގެ ތެރޭގައި ރޭ ހިންގި އެ މާރާމާރީގައި ޒަހަމްކޮށްލާފައިވަނީ އެ ތަނުގައި މަސައްކަތްކުރާ ބަންގްލަދޭޝް ވެއިޓަރެއް ކަމަށެވެ. އޭނާއަށް ހަމަލާދިނީ އިންޑިއާ މީހެއް ކަމަށް ބުންޏެވެ.
"އިންޑިއާ މީހަކު ރެސްޓޯރެންޓަށް ގޮސް މި ބުނަނީ ރޮށި ކަން ބޭނުންވާ ކަމަށް، ދެން ވެއިޓަރު މީހާ ބުނީ ރޮށި ލިބެން ނެތް ކަމަށް ޑިސްކެއް ލިބިދާނެ ކަމަށް. އެހެން ބުނުމުން އޭނާ ރުޅި އައިސްގެން އެތަނުގައި އޮތް ވަޅިއަކުން ކަރަށް ހަމަލާދިނީ. އެހާ ފުންކޮށެއް ވަޅި ނުވަދޭ،" އަލީ އާދަމް ވިދާޅުވިއެވެ.
ތޮއްޑޫ ހެލްތު ސެންޓަރުގެ ހެޑް އަލީ ޝިފާޒު "ވަން" މިރޭ ވިދާޅުވީ، ޒަހަމްވި މީހާއަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށާއި ޒަހަމްވި ތަނުގައި ބޭސް އެޅުމަށްފަހު ރޭ ދޫކޮށްލާފައިވާ ކަމަށެވެ.