މޯލްޑިވްސް ކަސްޓަމްސް ސާވިސް

ވިހެއުމުން ދޭ ހަ މަހުގެ ޗުއްޓީ ކަސްޓަމްސްގެ މުވައްޒަފުންނަށް ވެސް ދިނުމަށް ނިންމައިފި

ވިހެއުމުން ދޭ ހަ މަހުގެ ޗުއްޓީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންނަށް ދިނުމަށް ނިންމައިފިއެވެ.

ކަސްޓަމްސް އިން ބުނީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ވިހެއުމުން ދޭ ޗުއްޓީއަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ކަސްޓަމްސްގެ އަންހެން މުވައްޒަފުން ވިހެއުމާ ގުޅިގެން މުސާރައާއެކު ހަ މަސް ދުވަހުގެ ޗުއްޓީ ދޭ ގޮތަށް ނިންމާފައިވާ އިރު، ފިރިހެން މުވައްޒަފެއްގެ އަނބިމީހާ ވިހެއުމާ ގުޅިގެން މުސާރައާއެކު އެއް މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް ވަނީ ނިންމައިފައެވެ.

ކަސްޓަމްސް އިން ބުނީ މިހާރު ކަސްޓަމްސްގެ މުވައްޒަފުންގެ ގަވާއިދަށް އެ ބަދަލު ގެނެސް، ގަވާއިދަށް ގެނެވުނު އިސްލާހު މިހާރު ދިވެހި ގެޒެޓުގައި ޝާއިއުކޮށްފައިވާނެ ކަމަށެވެ.

ވިހެއުމާ ގުޅިގެން މައިމީހާއަށް ހަ މަހުގެ، އަދި ބައްޕައަށް އެއް މަހުގެ ޗުއްޓީ، މުސާރައާއެކު ސިވިލް ސާވިސްގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާނު ކުރައްވާފައިވަނީ މިމަހުގެ އަށެއްގައެވެ.

ރައީސްގެ އެ ނިންމެވުމާއެކު ސަރުކާރުގެ އިތުރު ކުންފުނިތަކާއި މުވައްސަސާތަކުން ދަނީ އެ ބަދަލު އެތަންތަނަށްވެސް ގެންނަމުންނެވެ.

އެގޮތުން މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ އިން އެ ކުންފުނީގެ މުވައްޒަފުންނަށް ވެސް ވިހެއުމާ ގުޅިގެން ޗުއްޓީ ދިނުމަށް ނިންމާފައިވާކަން މިދިޔަ ބުދަ ދުވަހު އިއުލާންކުރި އިރު، މޯލްޑިވްސް ޕޮލިސް ސާވިސް އިން ވެސް އެ ބަދަލު ގެނެސްފައިވާކަން އިއްޔެ ވަނީ އިއުލާންކޮށްފައެވެ.

ޕްރައިވެޓް ކުންފުންޏެއް ކަމަށްވާ ހެޕީ މާކެޓުންވެސް ވަނީ އެ ބަދަލު ގެނެސްފައެވެ.