ރައީސް ޔާމީން

ވަގުތީ ގޮތުން ލިބޭ ލާރި ފޮއްޗަކަށް އެއްވެސް ބޭފުޅަކު އެ ބޭފުޅެއްގެ ޒަމީރު ވިއްކާނުލައްވާ: ރައީސް ޔާމީން

ވަގުތީ ގޮތުން ލިބޭ ލާރި ފޮއްޗަކަށް އެއްވެސް ބޭފުޅަކު އެ ބޭފުޅެއްގެ ޒަމީރު ވިއްކާނުލެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ.

ރައީސް ޔާމީން އެހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރުގެ ކެމްޕޭން ޖަލްސާގައި ފޯނު ކޯލެއް މެދުވެރިކުރައްވައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.

"ވަގުތީ ގޮތުން ލިބޭ ލާރި ފޮއްޗަކަށް އެއްވެސް ބޭފުޅަކު އެ ބޭފުޅެއްގެ ޒަމީރު ވިއްކާނުލައްވާ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބަކީ ފަހުގެ ޒަމާނެއްގައި ހިންގި އެންމެ ބޮޑު އެއް ޖަރީމާ ކަމަށާއި އެ މައްސަލަ ބެލިފައެއް ވެސް ނުވާ ކަމަށެވެ. އަދި އެ އިންތިހާބުގައި ޝައްކު ކުރެވޭ އެތައް ކަމެއް ހިނގާފައިވާ ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހިންނަށް ހަމަނޭވާ ލެވެން އޮތީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ބޮޑު އަޣުލަބިއްޔަތެއް ޕްރޮގްރެސިވް ކޯލިޝަނަށް ލިބިގެން ކަމަށާއި ޕީޕީއެމް، ޕީއެންސީ އަދި ޖުމްހޫރީ ޕާޓީއަށް ދޭ ކޮންމެ ވޯޓަކީ ރާއްޖެއަށްޓަކައި ކޮށްދެއްވާ ކަމެއްގެ ގޮތުގައި ހައްދަވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ ތެރެއިން އެމަނިކުފާނުގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތް ނިމެންދެން މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކޮށް، ހައި ކޯޓުން ވަނީ އިއްޔެ ރައީސް ޔާމީން މިނިވަންކޮށްފައެވެ.