އިބްރާހިމް ޒަކީ
ޕްލާސްޓިކް ކޮތަޅުން އަގު ނަގަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުނި މެނޭޖް ކުރުމާ ބެހޭ ގާނޫނާ ގުޅިގެން ޕްލާސްޓިކު ކޮތަޅުގެ އަގު އިންތިހާއަށް ބޮޑުވުމުން، ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށްޓަކައި ސަރުކާރުން އެ ގާނޫނު އިސްލާހު ކުރަން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ނުނިންމައި ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ނުގޮސް ޖަލްސާތައް ކުރިއަށް ގެންދަން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހެޅުއްވުމުން، އެއީ އެ މެންބަރަށް ހުށަހެޅުއްވޭނެ ކަމެއް ނޫންކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ބިލު ހުށަހެޅުއްވުމަށް މަޖިލިސް ރައީސް ފުރުސަތު ދެއްވުމުން، މެމްބަރު ޝަރީފް ވިދާޅުވީ، ބިލުގެ ކުރިން މަޖިލީހަށް ހުށަހަޅަންޖެހޭ އެހެން ކަމެއް އެބައޮތް ކަމަށެވެ.
ދެން ވިދާޅުވީ، "މިހާރު ބަހުސްކުރަމުންދާ ކުނި މެނޭޖު ކުރުމުގެ ބިލަށް ހުށަހެޅިފައިވާ އިސްލާހުގެ މަސައްކަތް ނިމެންދެން މަޖިލިސް ޗުއްޓީއަށް ނުގޮސް ކުރިއަށް ގެންދަން އަޅުގަނޑު ހުށަހަޅަން، މެންބަރަކު ތާއީދު ކުރާނެ ކަމަށް އުއްމީދު ކުރަން،" ކަމަށެވެ.
އެހެން ވިދާޅުވެ ބިލު ހުށަހެޅުއްވަން ފެއްޓެވުމުން ޝަރީފުގެ ވާހަކަ މެދުކަނޑުއްވާލުމަށްފަހު، މަޖިލިސް ރައީސް ވިދާޅުވީ، "މެންބަރަށް ސާފުކޮށް އަރުވަން ޖެހޭ، މެންބަރަށް ހުށަހެޅެން ނެތް ކަމެއް ތިޔަ ހުށަހެޅުއްވީ، އެހެންވީމާ ހަމަ ސާފުކޮށްދިނީ އިރާދަ ކުރެއްވިއްޔާ މާދަން މި މަޖިލިސް ޗުއްޓީއަށްދާނެ،" ކަމަށެވެ.
ސިންގަލްޔޫސް ޕްލާޓިކު މަދު ކުރުމަށް އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުގެ ދަށުން، މަޖިލީހަށް ހުށަހަޅައި ފާސްކުރި ކުނި މެނޭޖު ކުރުމުގެ ބިލަށް އަމަލު ކުރަން ފެށުމާއެކު ޕްލާސްޓިކު ކޮތަޅުގެ އަގު އިންތިހާއަށް ބޮޑެވިއެވެ.
އެކަމާ ގުޅިގެން ރައްޔިތުން ތެރޭގައި އުފެދުނު ކަންބޮޑުވުންތަކާ ގުޅިިގެން، އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އިއްޔެ ވިދާޅުވީ، ޕްލާސްޓިކް ކޮތަޅުން ފީ ނެގުމާ ގުޅޭ ގާނޫނުގައި މިހާރު އޮތް ގޮތަކީ ސަރުކާރުން ބޭނުންވާ ގޮތް ނޫން ކަމަށާއި މަޖިލީހުން އެ ބިލު ފާސްކުރީ، އެކަން ހައްލުކުރުމަށް ސަރުކާރުން ބިލުގައި ހިމެނި ބައި އުނިކުރުމަށްފަހުގައި ކަމަށެވެ.
އެގޮތުން އެ ބިލު އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅި އިރު، ކޮތަޅުން އަގު ނެގުމަށް އިސްތިސްނާ ހާލަތެއްގެ ގޮތުގައި 50 ކޮތަޅާއި 50 ކޮތަޅުން މަތީގެ ކޮތަޅު ބޮޑި އާއި ކާޑުގެ ބާވަތްތައް އަޅާ ކޮތަޅުން ހިމެނި ކަމަށާއި ނަމަވެސް މިހާރު އޮތް ގޮތުން ހުރިހާ މަރުހަލާއެއްގައި ކޮތަޅަށް ލާރި ނަގަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.
ޝައުނާ އިތުރަށް ވިދާޅުވީ، އެ މައްސަލަ ސަމާލު ކަމަށް އައި ހިސާބުން އެކަން ހައްލު ކުރުމަށް މަޖިލީހަށް ބިލު ހުށަހަޅާފައިވާނެ ކަމަށާއި އެކަން ރައްޔިތުންނަށް ނުއުފުލޭވަރުގެ ތަކުލީފަކަށް ވުމަކީ އެދޭ ކަމެއް ނޫން ކަމަށެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި، ޕްލާސްޓިކު ކޮތަޅުގެ ކަންބޮޑުވުން އުފެދިފައިވާ މައްސަލަ ހައްލުކުރަން އިސްލާހު ހުށަހަޅާފައި ވަނީ އެ ގާނޫނުގެ 32 ވަނަ މާއްދާއަށެވެ.
އެގޮތުން އިސްލާހު ހުށަހަޅާފައިވަނީ، ޕްލާސްޓިކް ކޮތަޅުން ނަގާ ފީ، އިސްތިސްނާވާ ބައިގެ ތެރޭގައި 50 ނުވަތަ އެއަށްވުރެން ގިނަ އަދަދެއްގެ ޕްލާސްޓިކު ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިވެސް ހިމެނުމަށެވެ.
މިހާރު އޮންނަގޮތުން ފީ ނެގުން އިސްތިސްނާވާ ތަކެތީގެ ތެރޭގައި ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި ބަންދުނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅާއި ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަދޫކުރާ "ބިންލައިނާ" އެވެ.
ގާނޫނަށް ހުށަހަޅާގައިވާ އިސްލާހަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ތާއީދެއް ނުކުރައްވައެވެ. އެމަނިކުފާނު ތާއީދުކުރައްވަނީ މިހާރު އޮންނަ ގޮތަށް ޕްލާސްޓިކު ކޮތަޅުން ބޮޑު އަގު ނަގާގޮތަށް އޮތުމަށެވެ.
ނަމަވެސް މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސަރުކާރަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުން އެ އިސްލާހަށް ތާއީދު ކުރައްވައެވެ. އެ އިސްލާހު ފާސް ނުކޮށް މަޖިލިސް ޗުއްޓީއަށް ނުދިއުމަށް މީގެ ކުރިންވެސް އޭގެ ތެރެއިން ބައެއް މެންބަރުން އެދިވަޑައިގެންނެވިއެވެ.