ހާޑް ރޮކް ހޮޓެލް މޯލްޑިވްސްގެ ސަމާ ފެމިލީ ކޭމްޕް-ކޭޝަން މިއަހަރުވެސް ބާއްވަން ރާވާފައިވާ ކަމަށް އެ ރިސޯޓުން ހާމަކޮށްފިއެވެ.
ސަމާ ޗުއްޓީއާ ދިމާކޮށް ހާޑްރޮކް އިން ބާއްވާ މި ކޭމްޕް ވަނީ ޖެހިޖެހިގެން ވޭތުވެދިޔަ ދެ އަހަރުވެސް ކާމިޔާބުކަމާއެކު ބާއްވައިފައެވެ.
ހާޑް ރޮކްއިން އިއްޔެ ބުނީ މި ސަމާ ކޭމްޕް-ކޭޝަން ޕްރޮގްރާމަކީ އެހެން ޕްރޮގްރާމްތަކާ ހިލާފަށް ގިނަ ހަރަކާތްތަކެއް އެކުލެވިގެންވާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން ކުޑަކުދިންނަށް ސެލްފް ޑިފެންސް، އެރިއަލް އާޓްސް، ޕެއިންޓިން އެންޑް ކްރާފްޓިން ފަދަ މަޖާ ކްރިއޭޓިވް ހަރަކާތްތަކުގައި ބައިވެރިވުމާއި ރާއްޖޭގެ ރަށެއްގެ އަޖައިބު ކުރުވަނިވި ދިރިއުޅުން ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބުންޏެވެ.
މަޖާ، އުނގެނުމުގެ ހަރަކާތްތަކުގެ އިތުރުން ކޭމްޕުގެ ބައިވެރިންނަށް ކޮންމެ ދާއިރާއެއްގެ ޕްރޮފެޝަނަލުން، މުޅި ޕްރޮގްރާމްގައި އިރުޝާދާއި ސަޕޯޓް ފޯރުކޮށްދީ، ހުރިހާ ބައިވެރިން ވީހާވެސް ރަނގަޅަށް ވަގުތު ހޭދަކުރަމުންދާކަން ކަށަވަރުކޮށްދޭނެ ކަމަށާއި އަދި ކޮންމެ ސެޝަނެއްގައި ވެސް ހާއްސަ އިވެންޓްތަކެއް ކުރިއަށް ގެންދާ އިރު، އޭގެ ތެރޭގައި ޕޫލް ޕާޓީތަކާއި އައުޓްޑޯ ހަރަކާތްތަކާއި މަޝްހޫރު ރޮކް އެން ރޯލް ޖޭމިން ސެޝަންތައްވެސް ހިމެނޭ ކަމަށް ހާޑްރޮކް އިން ބުންޏެވެ.
އޭގެ އިތުރުން ހަފުތާއަކު އެއްފަހަރު އެސް މޯސް ބޮން ފަޔާ، ގްލޯ ޕާޓީ، ފެމިލީ ފަންފެއާ އަދި ޕޫލް ޕާޓީ ފަދަ ހަރަކާތްތަކުން އާއިލާތައް އެކީ މަޖާ ވަގުތު ހޭދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ހާޑްރޮކް އިން ބުންޏެވެ.
ހާޑް ރޮކް އިން ބުނީ އެ ހޮޓެލްގެ ސަމާ ކޭމްޕްގައި ހޭދަކުރާ ވަގުތު ނިމުމުން ހުރިހާ ބައިވެރިންނަށް ސެޓްފިކެޓް ދޭނެ ކަމަށާއި ބައިވެރިން އެނބުރި ދާނީ މުޅި އުމުރަށް ދެމިގެންދާނެ ފުރިހަމަ ހަނދާންތަކާއި ތަޖުރިބާތަކެއް ހިފައިގެން ކަމަށެވެ. މި ސަމާ ފެމިލީ ކޭމްޕް-ކޭޝަން އޮންނާނީ ޖުލައި އެކަކުން ފެށިގެން 31 އޮގަސްޓްގެ ނިޔަލަށެވެ.
ހާޑްރޮކް ހޮޓެލް މޯލްޑިވްސްއާ ބެހޭ އިތުރު މައުލޫމާތު www.hardrockhotels.com/maldives ސައިޓަށް ޒިޔާރަތް ކުރުމުން ލިބޭނެއެވެ.