ބިއުޓީ

ކަރީނާގެ ބައެއް ބިއުޓީ ސީކްރެޓްސް

ބޮލީވުޑް މަޝްހޫރު އާއިލާއަކަށް ނިސްބަތްވާ ކަރީނާ ކަޕޫރަކީ ފިލްމީ ދުނިޔޭގެ އެންމެ ރީތި އަންހެނުންގެ ތެރެއިން ގުނާލެވޭ އެކެކެވެ. ކަރީނާގެ ރީތި ކަމުގެ ފަހަތުގައި އާއިލާގެ ފަރާތުން ލިބިފައިވާ ޖީންސްގެ އިތުރުން އެ ރީތިކަން ދަމަހައްޓަން އޭނާ އަމިއްލަ ކުރަމުން އަންނަ މަސައްކަތް ހިމެނެއެވެ.

ކަރީނާގެ އޮމާން ހަމަކީ އޭނާ ސިއްހަތަށް ފަރުވާ ބަހައްޓާވަރު ހާމަވާ ކަމެކެވެ. ރީތިކަން ދަމަހައްޓަން ކަރީނާ ކުރާ ބައެއްް ކަންކަމަށް މި އާޓިކަލްގައި ބަލައިލާނަމެވެ.

އަލްމަންޑް އޮއިލް

އިސްތަށިގަނޑުވިއަސް އަދި ހަމަށް ވިއަސް އަލްމަންޑް ތެލަކީ ކަރީނާ ގަވައިދުން ބޭނުން ކުރާ ތެލެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ވަގުތުވާ ވަރަކުން އަލްމަންޑް އޮއިލް މަސާޖް ނެގުމަށްވެސް ކަރީނާ އިސްކަންދެއެވެ. އަދި މިކަމަކީ އޭނާގެ މަންމަ އަދި މާމަ އާއި އެއަށްވުރެ ކުރީންވެސް އެއާއިލާގެ އަންހެނުން އެތައް ޒަމާނެއް ކުރިން ފެށިގެން ކުރަމުން އަންނަ ކަމެއްކަމަށް ވެއެވެ.

މާމުއި

މާމުއީގައި އެންޓިބެކްޓީރިއަލް މާއްދާ ހިމެނޭކަން އެއީ ގިނަ ބަޔަކަށް އެނގޭނެކަމެކެވެ. އޭގެ ސަބަބުން ހަންގަނޑު ސާފުކޮށްދެއެވެ. އަދި އެހާ ގިނަ އެންޓިއޮކްސިޑެންޓްސް ހިމެނޭތީ ހަން މުސްކުޅިވުން ލަސްކޮށްދެއެވެ.

މިއީ ރީތިކަން ދަހަމައްޓަން ކަރީނާ ބޭނުން ކުރާ ވަރަށް މުހިއްމު އެއްޗެކެވެ. އެގޮތުން ރޭގަނޑު މޫނު ދޮވުމުގެ ކުރިން މާމުއިން މޫނު މަސާޖްކުރާ ކަމަށްވެއެވެ. އޭގެ ސަބަބުން ހަންގަނޑު އޮމާންވެ މަޑުކޮށްދެއެވެ.

ފެން

އެހެން ތަރީންނެކޭ އެއްފަދައިން ކަރީނާ ވެސް ހަށިގަނޑު ހައިޑްރޭޓްކޮށް ބެހެއްޓުމަށް ވަރަށް މަސައްކަތް ކުރެއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ހަތަރެއް ނުވަތަ ހަ ފުޅި ފެން ބޯކަމަށް ވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ފެނަށް ކަރީނާ ކިޔަނީވެސް "މިރަކެލް ޑްރަގް" އެވެ. އޭނާގެ ހަމާއި އިސްތަށިގަނޑަށް ދޭންޖެހޭ ހުރިހާ ފަރުވާއެއް ފެނުން ލިބޭ ކަމަށް ކަރީނާ ބުނެއެވެ.

ހޯމް މޭޑް ފޭސްޕެކް

ފިހާރަތަކުން ފޭސްމާސްކްސް ގަތުމުގެ ބަދަލުގައި ކަރީނާ އިހުތިޔާރު ކުރަނީ ގޭގައި ހުންނަ ގުދުރަތީ ތަކެތިން ތައްޔާރު ކުރާ ފޭސް މާސްކެއެވެ.

އެގޮތުން އަލްމަންޑް އޮއިލް އާއި ކާރޑް އެއްކުރުމަށްފަހު ތައްޔާރުކުރާ ފޭސް މާސްކެއް ކަރީނާ ބޭނުން ކުރާ ކަމަށްވެއެވެ. ކާރޑް އަކީ ގުދުރަތީ ބްލީޗިން އެޖެންޓެކެވެ. އަލްމަންޑު ބޭނުންކުރުމުން މަރުވެފައިވާ ހަންތައް ސްކްރަބް ކޮށްދެއެވެ. މީގެ އިތުރުން ބިހި ނަގަން އުފެދޭ ބެކްޓީރިއާތައްވެސް ނައްތާލައެވެ.

މޮއިސްޗަރައިޒާ

މޮއިސްޗަރައިޒަރަކީ ހަން ޑްރައިވާނަމަ އަދި ހަންގަނޑު ރައްކާތެރި ކުރުމަށް ކޮންމެހެން ބޭނުން ކުރުން މުހިއްމު އެއް ބިއުޓީ ޕްރޮޑަކްޓެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ދުވާލަކު މަދުވެގެން ދެފަހަރު ކަރީނާ މޫނު ދޮވުމަށްފަހު މޮއިސްޗަރައިޒް ކުރެއެވެ.

ކަސްރަތުކުރުން

ކަރީނާ އަކީ ގަވައިދުން ކަސްރަތު ކުރާ ތަރިއެކެވެ. އޭގެ ތެރޭގައި ޕިލޭޓްސް އަދި ޔޯގާ ހިމެނެއެވެ. ކަސްރަތުން ހަށިގަނޑުގައި ހުންނަ ޓޮކްސިންތައް ބޭރު ކުރާތީ ދިގުމުއްދަތުގައި ހަންގަނޑު އުޖާލާވެ އޮމާންވެގެންދެއެވެ.