އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝާޒު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާ ކުރައްވައިފިއެވެ.
ޝާޒް ހުވާ ކުރެއްވުން އޮތީ މިއަދު ހެންދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގައި، ޝާޒަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫންއެވެ.
ހުވާ ކުރެއްވުމަށްފަހު، ޝާޒް ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ޝާޒް އާއި އޭނާ ނިސްބަތްވާ އެމްޑީޕީއަށް މަރުހަބާ ވިދާޅުވެފައެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ޝާޒް ހަމަޖެހުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ އަދަދު 68 އަށް އަރާފައިވާ ކަމަށެވެ. ދެން މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ، އިދިކޮޅު ޕީޕީއެމްގެ ފަސް މެމްބަރުންނާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ތިން މެމްބަރުންނާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ތިިން މެމްބަރުންނާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ދެ މެމްބަރުންނާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ދެ މެމްބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަންނުވާ ހަތަރު މެމްބަރުންނެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ޝާޒް ކާމިޔާބު ކުރެއްވީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް ހުސެއިން ރިޒާއާ ވާދަކުރައްވައިގެންނެވެ.
ޝާޒަށް 1346 ވޯޓު ލިބިވަޑައިގެންނެވި އިރު، ރިޒާއަށް ލިބިވަޑައިގެންނެވީ 1226 ވޯޓެވެ. އަދި އެމްއެންޕީގެ ކެނޑިޑޭޓް އަލީ އާރިފަށް ލިބުނީ 122 ވޯޓެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވީ އެދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަ ވުމާ ގުޅިގެންނެވެ. ރާއްޖޭގެ އާ ގާނޫނު އަސާސީގެ ދަށުން މިހާތަނަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިން އިންތިހާބުގައި ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.