އިބްރާހިމް ޒަކީ
ހުސްނުވާ އާސަންނަ ސްކީމް ހިންގުމުގެ ގަވާއިދަށް އިސްލާހުތައް ގެނެސް އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމުގެ ތެރޭގައި ދަރިމައި ނުވުމުގެ މައްސަލައަށް ދެވޭ ފަރުވާގެ ބާވަތްތައް ހިމަނަންޖެހޭގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ފާސްކޮށްފިއެވެ.
މިއީ ދަރިމައިވުމުގެ މައްސަލަތަކުގެ ފަރުވާއަށް އާސަންދަ ހަމަޖައްސަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމު މަޖިލީހަށް ހުށަހެޅުއްވި ގަރާރާ ގުޅިގެން ކޮމިޓީން ނިންމި ނިންމުމެކެވެ.
އެ ގަރާރު ކޮމިޓީން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކުރި ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިިމުކޮށްފައިވާ ސަރުކާރުގެ ހޮސްޕިޓަލްތަކުން ދަރިމައިނުވުމުގެ މައްސަލައަށް ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސަންޖެހޭ ކަމަށްވެސް ވަނީ ފާސްކޮށްފައެވެ. އަދި ރާއްޖޭގެ ދަރިމައިވުމުގެ ރޭޓް ދަށްވުމުގައި އިންފަޓިލިޓީ އާ ގުޅުންހުރި ސަބަބުތައް ހިމެނޭތޯ ބެލުމަށް ކަމާބެހޭ ވުޒާރާއިން އިސް ނަގައިގެން ގައުމީ ފެންވަރުގެ ދިރާސާއެއް ކުރަންޖެހޭ ކަމަށްވެސް ވަނީ ފާސްކޮށްފައެވެ.
އެއީ މުހިއްމު ބަދަލެއްކަން ފާހަގަ ކޮށް، އާސަންދަ ކުންފުނިން ބުނެފައިވަނީ، 28 ފެބްރުއަރީ 2015 ގައި ގެޒެޓު ކޮށްފައިވާ ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދުގެ 18 ވަނަ މާއްދާގެ (ނ)ގައި ދަރިމައިނުވުމާ ގުޅޭ ފަރުވާ، އާސަންދަ ސްކީމުން ލިބިނުދެވޭ ހިދުމަތެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ދަރިމައިނުވުމާ ގުޅޭ އެއްވެސް މައްސަލައަކަަށް، ބައްޔެއްގެ ގޮތުގައި ޑޮކްޓަރަކު ލިޔެފައިވާ ނަމަ، އެ ފަރުވާއާ ބެހޭ އެއްވެސް ހިދުމަތެއްގެ ހަރަދު އާސަންދަ ސްކީމުން ލިބިނުދެވޭކަން ވެސް ފާހަގަ ކޮށްފައިވެއެވެ.
ނަމަވެސް ބައެއް ހާލަތްތަކުގައި ދަރިމައި ނުވުމާ ގުޅޭ މައްސަލައެއް ދެނެގަތުމަށް ޑޮކްޓަރަށް ދެއްކުމާއި ތަހުލީލުތައް ހެދުމާއި ބައެއް ބޭސް އާސަންދަ ސްކީމުން ލިބެމުންދާކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.