މެލޭޝިއާގެ އެއާލައިނެއް ކަމަށްވާ ބަޓިކް އެއާއިން މާލެއާއި ކުއަލަ ލަމްޕޫރާ ދެމެދު ފަށަން ނިންމާފައިވާ ދަތުރުތަކުގެ ބުކިންއަށް ހުޅުވާލައިފިއެވެ.
ބަޓިކް އެއާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމާފައިވަނީ އަންނަ މަހުއެވެ. ރާއްޖޭގައި ބަޓިކް އެއާގެ ސޭލްސް، ރިޒަވޭޝަން އަދި ޓިކެޓިންގެ ހިދުމަތް ފޯރުކޮށްދޭނީ ކޮންސިއާޖް ގުރޫޕުންނެވެ.
ބަޓިކް އެއާއިން މައުލޫމާތު ދޭ ގޮތުގައި އެ އެއާލައިނުން މާލެއަށް ފަށާ ދަތުރުތައް ފުރަތަމަ ބާއްވާނީ ކޮލަމްބޯގައި ޓްރާންސިޓުވާ ގޮތަށެވެ. އެ ދަތުރުތައް އަންނަ މެއި މަހުގެ 12ގައި ފަށާއިރު، ކޮންމެ ދުވަހަކުވެސް ދަތުރުތައް އޮންނާނެ ކަމަށް ބުންޏެވެ.
ކުއަލަ ލަމްޕޫރާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށަން ނިންމާފައިވަނީ އަންނަ ޖޫން މަހުގެ 23ވަނަ ދުވަހުން ފެށިގެންނެވެ. އެ ދަތުރުތައް ކުރާނީ ހަފުތާއަކު ތިން ދުވަހުއެވެ.
މި ދަތުރުތަކަށް ބަޓިކް އެއާއިން ބޭނުން ކުރާނީ ބޮއިން 737-8 އަދި 737-800 އެންޖީ މަރުކާގެ ބޯޓުތަކެވެ. އެއީ އިކޮނޮމީ ކްލާސް 150 ގޮނޑިއާއި ބިޒްނަސް ކްލާސް 12 ގޮނޑި ހިމެނޭ ފްލައިޓްތަކެކެވެ.
ބަޓިކް އެއާއިން ވަނީ ރާއްޖެއަށް ކުރާ ދަތުރުތަކަށް "އޯލް އިންކްލޫސިވް އިކޮނޮމީ ކްލާސް ޕްރޮމޯޝަނަލް ފެއާ"އެއްވެސް ފަށައިފައެވެ. އެ ޕްރޮމޯޝަންގެ ދަށުން މާލެއާއި ކުއަލަ ލަމްޕޫރާ ދެމެދު ދެކޮޅަށް ކުރާ ދަތުރަކަށް ނަގާނީ 459 ޑޮލަރު (7,045 ރުފިޔާ)އެވެ. އަދި އެ ޕްރޮމޯޝަންގެ ދަށުން އެ އެއާލައިނުން މާލެއާއި ކޮލޮމްބޯއާ ދެމެދު ދެކޮޅަށް ކުރާ ދަތުރަކަށް ނަގާނީ 289 ޑޮލަރު (4،436 ރުފިޔާ)އެވެ.
މި ފެއާގެ ދަށުން 20 ކިލޯގެ ބެގޭޖް އެލަވަންސް ލިބޭއިރު ބިޒްނަސް ކްލާހުގެ ފަސިންޖަރުންނަށް ފުލް ސާވިސް އާއެކު 40 ކިލޯގެ ބެގެޖް އެލަވަންސް ލިބޭނެއެވެ. އަދި ބަޓިކް އެއާގެ ކޮންމެ ފްލައިޓަކުންވެސް ދަތުރުމަތީގައި ކެއުމާއި ބުއިމުގެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެއެވެ.
ރިޒަވޭޝަން ހެއްދުމަށް އަދި ޓިކެޓް ނެގުމަށް 7377787 އަށް ގުޅުމަށް ނުވަތަ [email protected] އަށް މެއިލް ކުރުމަށް ބަޓިކް އެއާއިން ވަނީ އެދިފައެވެ.