ޚަބަރު

ހުރިހާ ރުޅިވެރިކަމާއި ހަސަދަވެރިކަމުން ހިތްތައް ސާފުކޮށް، ބައިބައިނުވެ އެއްގަލަކަށް އަރާ!: އީދު ހުތުބާ

ހުރިހާ ރުޅިވެރިކަމާއި ހަސަވެރިކަމުން ހިތްތައް ސާފުކޮށް، ބައިބައިނުވެ އެއްގަލަކަށް އެރުމަށް މިއަދުގެ ފިތުރު އީދު ހުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ އީދު ހުތުބާގައި ބުނީ މައިންބަފައިން ކުރެ ހަމަ އެކަކުވެސް ހިތުގައި ނުޖައްސަން މިއަދު އަޒުމް ކަނޑައެޅުމަށް ގޮވާލާ ކަމަށާއި އަދި ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ވެސް މައިންބަފައިންގެ ހައްގުތަކާ ގުޅިފައިވާ ކަމެއް ކަމަށެވެ.

"އަހަރެމެން މިއަދު އީދު ނަމާދަށްޓަކައި އެއްވެ ތިބި ތިބުން ހާމަކޮށްދެނީ އަހަރެމެންގެ އެއްބައިވަންތަކަމެވެ. އަހަރެމެންގެ ކުޑަކުދީންނާއި ބޮޑެތި މީހުންގެ މެދުގައި، ފަގީރުންނާއި މުއްސަނދީންގެ މެދުގައި އޮތް ކުލުނުވެރިކަމާއި ލޯތްބެވެ. މިއަދު ހުރިހާ ރުޅިވެރިކަމާއި ހަސަދަވެރިކަމުން އަހަރެމެންގެ ހިތްތައް ސާފުކުރަމާ ހިނގާށެވެ. ބައިބައިނުވެ، އެއްގަލަކަށް އަރަމާ ހިނގާށެވެ..،" ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ މިއަދު ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް ހެޔޮފޯރުވައި، އީދުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުވުމަށް އަޒުމް ކަނޑައަޅަން ގޮވާލާ ކަމަށެވެ. އަދި އެމީހުން ތިބާއާ ގުޅުން ނުބޭއްވިޔަސް، ތިބާ އެމީހުންނާ ދުރަށް ނުދިއުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

"ވަތަނުގެ އަމާންކަމުގެ ނިއުމަތަކީ މާތްﷲ ބަޔަކަށް ދެއްވާނެ އެންމެ ބޮޑު ނިއުމަތެވެ. ގައުމު ތަރައްގީކުރެވޭނީ އަމާންކަން ލިބިގެންނެވެ. ގައުމުގެ ހުރިހާ ދަރިން މި އަމާންކަން ހިމާޔަތްކުރުމަށް ގަދައަޅައި މަސައްކަތްކުރަން ވާނެއެވެ..،" ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ އަހަރެމެން މި ހިފި ރޯދަ ވަނީ އަހަރެމެންގެ ނަފްސުތަކުގައި، އިސްލާމީ އުހުއްވަތްތެރިކަމާއި އެކަކު އަނެކަކަށް އަޅައިލުމުގެ ރޫހު އުފައްދާފައި ކަމަށާއި އެއީ މި އުންމަތަށް އަހަރެމެން އެންމެން ނިސްބަތްވާކަމުގެ އިހުސާސް ކަމަށެވެ. އަދި އެއީ ކިތަންމެ ދުރުގައި ވިޔަސް ކޮންމެ މުސްލިމަކީ އަހަރެމެންގެ އަހެއް ނުވަތަ އުހުތެއް ކަމަށް ހަދައިދޭ ޝުއޫރު ކަމަށް ހުތުބާގައި ބުންޏެވެ.