ވިހެއުމުންދޭ ހަ މަހުގެ ޗުއްޓީ ޕޮލިސް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދިނުމަށް ނިންމައިފިއެވެ.
ފުލުހުންގެ މުވައްޒަފުންނަށް ޗުއްޓީ ދިނުމަށް ނިންމާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ "ވަން އޮންލައިން" އަށް ކަށަވަރުކޮށްދެއްވައިފައެވެ. ފުލުހުން ބުނީ އަންހެން މީހާ ވިހެއުމާ ގުޅިގެން 180 ދުވަހުގެ ޗުއްޓީއަކާއި ފިރިމީހާއަށް 30 ދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ވިހެއުމާ ގުޅިގެން މައިމީހާއަށް ހަ މަހުގެ، އަދި ބައްޕައަށް އެއް މަހުގެ ޗުއްޓީ، މުސާރައާއެކު ސިވިލް ސާވިސްގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާނު ކުރައްވާފައިވަނީ މިމަހުގެ އަށެއްގައެވެ.
ރައީސްގެ އެ ނިންމެވުމާއެކު ސަރުކާރުގެ އިތުރު ކުންފުނިތަކާއި މުވައްސަސާތަކުން ދަނީ އެ ބަދަލު އެތަންތަނަށްވެސް ގެންނަމުންނެވެ.
އެގޮތުން މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ އިން ވަނީ އެކުންފުނީގެ މުވައްޒަފުންނަށްވެސް ވިހެއުމާ ގުޅިގެން ޗުއްޓީ ދިނުމަށް ނިންމާފައިވާ އިއްޔެ ހާމަކޮށްފައެވެ.
ޕްރައިވެޓް ކުންފުންޏެއް ކަމަށްވާ ހެޕީ މާކެޓުންވެސް ވަނީ އެ ބަދަލު ގެނެސްފައެވެ.