ޚަބަރު

ކައުންސިލުތަކަށް ހަރަދުކުރުމަށް ފާސްކުރި ބަޖެޓުގައި ހަރަދު ނުކޮށްހުރި 31 މިލިއަން ރުފިޔާ ކައުންސިލުތަކަށް ޖަމާކޮށްފި

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުން ކައުސިލުތަކަށް ހަރަދުކުރުމަށް މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގެ ތެރެއިން ހަރަދުނުވެ ހުރި ބާކީ 31.39 މިލިއަން ރުފިޔާ ކައުންސިލްތަކަށް މިއަދު ޖަމާކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓުން ކައުންސިލުތަކަށް ފާސްކޮށްފައިވާ ބަޖެޓުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށް ހަރަދު ނުވެ ހުރި ބަޖެޓުގެ ބާކީ މިއަދު ވާނީ ކައުންސިލުތަކުގެ "ހަރަދު" ބޭންކް އެކައުންޓަށް ފޮނުވާފައި ކަމަށެވެ.

އެ ފައިސާއިން މިދިޔަ އަހަރުގެ ބިލްތައް ދެއްކުމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި މުދަލާއި ހިދުމަތްތަކަށް ދައްކަންޖެހޭ ފައިސާތައް ދެއްކުމަށްފަހު ބާކީވާ އަދަދު އެ ކައުންސިލެއްގެ އާމްދަނީގެ ގޮތުގައި ހިސާބުކުރުމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ އެ ކައުންސިލެއްގައި "އާމްދަނީ" ބޭންކް އެކައުންޓެއް ވާނަމަ ބާކިވާ ފައިސާ އެ އެކައުންޓަށް ޖަމާކުރުމަށްފަހު މިނިސްޓްރީއަށް ތިން ދުވަހުގެ ތެރޭގައި އެންގުމަށެވެ.

ހަރަދު ނުކޮށް ބާކީ ހުންނަ ފައިސާ ކައުންސިލްތަކަށް ޖަމާކޮށްދިން މިއީ ފުރަތަމަ ފަހަރެވެ.