ޚަބަރު

ފަސް ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފި

ރާއްޖޭގެ ފަސް ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރަސްޓްރަކްޗާއިން ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް މިއަދު ނިންމާފައިވަނީ ހއ. އުލިގަމާއި ހދ. ނޮޅިވަރަމާއި ނ. ކެނދިކުޅުދޫ އާއި ތ. ކިނބިދޫ އަދި ގއ. ކަނޑުހުޅުދޫއެވެ. އެ ރަށްތަކުގެ ތެރެއިން ނޮޅިވަރަމްގެ ފެނާއި ނަރުދަމާގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވަނީ އަޒްރޯވާ މޯލްޑިވްސް ޖޮއިންޓް ވެންޗަ ވިތު ވޯޓަ އިންޖިނިއަރިން ސާވިސަސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. އަދި ބާކީ ހުރި ރަށްތަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.

މިނިސްޓްރީން ބުނީ ކަނޑޫދޫއާއި ކިނބިދޫގެ ނިޒާމު ގާއިމުކުރުމަށް 38 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި އުލިގަމުގެ ނިޒާމު ގާއިމުކުރުމަށް 36 މިލިއަން ރުފިޔާ ހޭދަ ވާނެ ކަމަށެވެ.

އަދި ނޮޅިވަރަމްގެ މަޝްރޫއަށް 26 މިލިއަން ރުފިޔާ ހަރަދުވާއިރު ކެނދިކުޅުދޫގައި ނިޒާމު ގާއިމުކުރުމަށް 59 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ މަޝްރޫއުތަކަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއުތަކެއް ކަމަށެވެ.