ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްުމަދު ނަޝީދު އަވަހާރަކޮށްލަން 2021 އަހަރުގެ މެއި ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގެ މައްސަލައިގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ފަށައިފިއެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ވަނީ ނުވަ މީހެއްގެ މައްޗަށް ދައުވާކޮށްފައެވެ. އޭގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދަށެވެ. ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ، 2021 ގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
އެ މައްސަލަ ބެލުމަށް ތިން ފަނޑިޔާރުންގެ ބެންޗެއް ކުރިމިނަލް ކޯޓުން ކުރިން އެކުލަވާލިޔަސް، އެކިފަހަރު މަތިން ބެންޗު ބަދަލުވުމަށްފަހު މިހާރު ވަނީ ބެންޗު އުވާލައިފައެވެ. މިހާރު އެ މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ހަބީބް އެކަންޏެވެ. ގާޒީ ވަނީ އެ މައްސަލަ އަލުން ނުފަށައި ކުރިން ގެންގޮސްފައިވާ ހިސާބުން ކުރިއަށްގެންދަން ނިންމައިފައެވެ.
މިއަދު އެ މައްސަލައިގައި ބޭއްވި އަޑުއެހުމަކީ މައްސަލައިގެ ޝަރީއަތް ފެށުމަށް ބޭއްވި އަޑުއެހުމެކެވެ. އެގޮތުން މިއަދުގެ އަޑުއެހުމުގައި ދައުލަތާއި ދިފާއުން ވަނީ އިފްތިތާހީ ބަޔާން އިއްވައިފައެވެ. ދައުވާ ލިބޭ ފަރާތްތަކުން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވަނީ، ކުރިއަށް ހުރި ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލު ހިއްސާ ކުރައްވައިފައެވެ. އެގޮތުން ތާވަލާ އެއްގޮތަށް ކުރިއަށްދާނަމަ އަންނަ ސެޕްޓެމްބަރު މަހުގެ ކުރިން ހުކުމް ކުރެވޭނެ ކަމަށް ލަފާ ކުރައްވާ ކަމަށް ގާޒީ ވިދާޅުވިއެވެ.