ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.
މި މަޝްރޫޢުގެ ދަށުން، 19،780 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 650 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 11.45 މިލިއަން ރުފިޔާއަށް 180 ދުވަސް ތެރޭގައި ނިންމުމަށެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހު ކަމަށް އެމްޓީސީސީން ބުންޏެވެ.