ޚަބަރު

ވިލާ ކުންފުނީގެ ހިއްސާ އޮންނަ ޑަބްލިއުއެލްޓީއަށް 13 މިލިއަން ޑޮލަރު ދިނުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

އަހުމަދު ޖައިޝަން

ވިލާ ކުންފުނީގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވެލްސް (ޑަބްލިއުއެލްޓީ)އަށް ރަށްތަކެއް ހަވާލުނުކުރި މައްސަލައެއްގައި ބަދަލުގެ ގޮތުގައި 13 މިލިއަން ޑޮލަރު ދައުލަތުގެ ފަރާތުން އެ ކުންފުންޏަށް ދިނުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ޑަބްލިއުއެލްޓީ އިން ސުޕްރީމް ކޯޓަށް ދިޔައީ އެކުންފުންޏަށް ތިން ރަށެއް ދިނުމަށްފަހުވެސް އެ ރަށްތައް ދޫނުކުރި މައްސަލައާ ގުޅިގެންނެވެ.

އެ މައްސަލައިގައި އެ ކުންފުނިން ކޯޓަށް ގޮސް ދައުވާ ކުރީ 112 މިލިއަން ޑޮލަރު ހޯދުމަށެވެ. އެ މައްސަލަ އެންމެ ކުރީން ވައްދާފައިވަނީ ސިވިލް ކޯޓަށެވެ.

ސިވިލް ކޯޓުން ވަނީ 112 މިލިއަން ޑޮލަރު ޑަބްލިއުއެލްޓީއަށް ދައުލަތުން ދައްކަން ނުޖެހޭނެ ކަމަށް ހުކުމް ކޮށްފައެވެ. ނަމަވެސް އެޑްވާންސަށް ދެއްކި 16.9 މިލިއަން ޑޮލަރު އަނބުރާ ޑަބްލިއުއެލްޓީއަށް ދިނުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ސިވިލް ކޯޓާއި ހައި ކޯޓުގެ ހުކުމުގައި ބުނެފައިވާގޮތުގައި އެޑްވާންސްގެ ގޮތުގައި އެކުންފުނިން ވަނީ 16.9 މިލިއަން ޑޮލަރު ދައްކާފައިވާ ކަން ސާބިތުވެފައެވެ. އެހެންވެ ސިވިލް ކޯޓުންނާއި ހައި ކޯޓުން ވަނީ 16.9 މިލިއަން ޑޮލަރު ދިނުމަށް ތާއީދުކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވެސް ބުނެފައިވަނީ 16.9 މިލިއަން ޑޮލަރަކީ ދައްކަން ޖެހޭ ފައިސާ ކަމަށް ތާއީދުކޮށްފައެވެ. ނަމަވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ މިންވަރަކީ އެ އޮތްގޮތަށް ދެވޭނެ މިންވަރެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.

މިއަދު ސުޕްރީމް ކޯޓުން ދޭން ހުކުމް ކުރި 13 މިލިއަން ޑޮލަރަކީ ފައިނޭންސް ކޯސްޓްގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދުނު އަދަދެވެ.