ވޯލްޑް ހެލްތް އޯގަނައިޒޭޝަން

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ މިއަހަރުގެ ބައްދަލުވުން އިންޑިއާގައި

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ކޮމިޓީގެ ބައްދަލުވުން މިއަހަރު ޑީ.ޕީ.އާރް ކޮރެއާގެ ބަދަލުގައި، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް އޮފީހުގައި ބޭއްވުމަށް ނިންމައިފި އެވެ.

ހެލްތް މިނިސްޓްރީން ބުނީ މިގޮތަށް ނިންމާފައިވަނީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ 72 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުން ބާއްވާނެ ތަނެއް ކަނޑައެޅުމަށް މިއަދު ބޭއްވި ސްޕެޝަލް ސެޝަންގައި ކަމަށެވެ. އެހެންކަމުން މިއަހަރު ބައްދަލުވުން އޮންނާނީ އިންޑިއާގެ ދިއްލީގައި ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.

އެމިނިސްޓްރީން ބުނި ގޮތުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ 72 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުން ބޭއްވުމަށް ޑިމޮކްރެޓިކެ ރިޕަބްލިކް އޮފް ކޮރެއާއިން ވަނީ 2016 ވަނަ އަހަރު ބޭއްވި 69 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުމުގައި ހުށަހަޅާފައެވެ.

ނަމަވެސް އދ.ގެ ސެކިއުރިޓީ ކައުންސިލް ކޮމިޓީން ކޮރެއާގައި މިބައްދަލުވުން ކުރިޔަށް ގެންދިއުމަށް ބޭނުންވާ ހުއްދަ ދީފައި ނުވާތީ މިއަދުގެ ބައްދަލުވުން ބޭއްވީ، މިއަހަރުގެ ރީޖަނަލް ކޮމެޓީ ބައްދަލުވުން ބާއްވާނެ ތަނެއް ނިންމުމަށް ކަމަށް ބުނެފައިވެއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި މިބައްދަލުވުމަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދިގު ތާރީހުގައި މިގޮތަށްކުރިއަށް ގެންދިޔަ ފުރަތަމަ ބައްދަލުވުން ކަމަށާއި މިބައްދަލުވުމުގައި މިސަރަހައްދުގެ ގައުމުތަކުގެ ސިއްހަތާބެހޭ ވަޒީރުންނާއި އިސްބޭފުޅުންގެ އިތުރުން ރީޖަނަލް ޑައިރެކްޓަރު ޑރ. ޕޫނަމް ކެތްރަޕާލް ސިންގް ބައިވެރިވެ ވަޑައިގެންނެވި ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ވަފުދުގައި އިސްކޮށް ހުންނެވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

72 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުން މިސަރަހައްދުގެ އެހެން ގައުމެއްގައި ބޭއްވުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމަށް ވަގުތުކުޑަތަންވެފައިވުމުގެ ސަބަބުން ދަތިވާނެތީ މިއަދު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި އެއްބަސްވެވުނީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް އޮފީސް ހުންނަ އިންޑިޔާގެ ނިއުދިއްލީގައި މިއަހަރުގެ ރީޖަނަލް ކޮމެޓީ ބައްދަލުވުން ބޭއްވުމަށެވެ.

މިބައްދަލުވުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ދެވަނަ ދުވަހުން ފެށިގެން ހަވަނަ ދުވަހުގެ ނިޔަލަށެވެ.