ރައީސް ޔާމީން

ހައިކޯޓުން ރައީސް ޔާމީން މިނިވަންކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ހައިކޯޓުން މިނިވަންކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ފާއިތުވި ފެބްރުއަރީ މަހު ޝަރީއަތް ނިމެންދެން ރައީސް ޔާމީން ހައްޔަރުގައި ބެހެއްޓުމަށް ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފައި ވަނީ މިއަދު އެވެ. ހައިކޯޓުން ރައީސް ޔާމީން މިނިވަންކޮށްފައިވަނީ އެއްވެސް ޝަރުތަކާ ނުލައެވެ. އެގޮތުން ހައި ކޯޓުން ޔާމީން މިނިވަންކޮށްފައިވަނީ ބަންދުގައި ބެހެއްޓޭނެ އެއްވެސް ސަބަބެއް ނެތްކަމަށް ބުނެއެވެ.

ޔާމީން ހައްޔަރުކޮށްފައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ ތެރެއިން އެމަނިކުފާނުގެ މައްޗައް ކުރެވޭ މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތް ނިމެންދެނެވެ. އެގޮތުން ކްރިމިނަލް ކޯޓުން މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ޔާމީން ހައްޔަރު ކުރުމަށް އަމުރު ނެރެފައި ވަނީ އެމްއެމްޕީއާރުސީ މައްސަލައިގައި ހެކިންނަށް ނުފޫޒުފޯރުވާކަމަށް ފުލުހުން މެދުވެރިކޮށް ޕީޖީން ހުށަހެޅި އިންޓެލިޖެންސް މައުލޫމާތާއި ހެކިތަކުން އެނގޭތީ، އެ ފަދަ ކަމެއް އިތުރަށް ކުރުމުގެ އިހުމާލު އޮތްކަމަށް ބެލެވޭތީއެވެ.

މި މައްސަލަ ޔާމީންގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅާފައިވަނީ އަމުރު ގާނޫނާ ޚިލާފު ކަމަށް ބުނެ އެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ އަދި ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް ނޫން ކަމަށާއި އެމައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އަމަލެއް ކޮށްފައި ނުވާނެކަމަށް ޔާމީންގެ ފަރާތުން ހައި ކޯޓަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ޔާމީން ބަންދުކޮށްފައިވަނީ ތުހުމަތު ކުރެވޭ ފަރާތް ބަންދުކުރުމަށް އަމަލު ކުރަން ކަނޑައަޅާފައިވާ އަސާސްތަކާއި ހިލާފަށް ކަމަށްވެސް ޔާމީންގެ ފަރާޓުން ހައިކޯޓަށް ވަނީ ހުށަހަޅާފައެވެ.

ހައިކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ ހެކީންނަށް ނުފޫޒު ފޯރުވާކަމަށް ފުލުހުން މެދުވެރިކޮށް ޕީޖީން ހުށަހެޅި އިންޓެލިޖެންސް މައުލޫމާތާއި ހެކިތަކުން އެނގޭއިރު، މިފަދަ ކަމެއް އިތުރަށް ކުރުމުގެ އިހުމާލު އޮތްކަމަށް ބުނެ މީހަކު ބަންދުގައި ބެހެއްޓޭނީ 30 ދުވަހުގެ މުއްދަތަކަށް ކަމަށް ބުނެފައެވެ. އަދި މިމަހު 18ގައި ޔާމީންގެ ބަންދަށް 30 ދުވަސް ހަމަވުމުން، އޭނާ ހައްޔަރުގައި ބަހައްޓާނެ އިތުރު ސަބަބެއް ނެތް ކަމަށް ހައިކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ. ޔާމީން މިނިވަން ކުރަން ހުކުމް ކޮށްފައިވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ.

ޔާމީން ހައްޔަރުކޮށްފައި ވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ ތެރެއިން އެމަނިކުފާނުގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިން މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިވަޑައިގަތުމާ ގުޅިގެންނެވެ. މި މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ޖަލުބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ނަމަވެސް، މި މަހު 13 ވަނަ ދުވަހު ޝަރުތުތަކަކާއެކު އެމަނިކުފަނު ވަނީ ގޭބަންދަށް ބަދަލު ކޮށްފަ އެވެ.