ޝަހީދާ އަބްދުﷲ ސައީދު
މި މަހުގެ 14 އިން 21އަށް އަބޫދާބީގައި ކުރިއަށްދިޔަ ސްޕެޝަލް އޮލިމްޕިކްސް- ވަރލްޑްގޭމްސް 2019ގައި ދިވެހިރާއްޖެ ތަމްސީލުކުރި ޓީމާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވައިފިއެވެ.
ރައިސުލްޖުމްހުރިއްޔާގެ އޮފީހުން ބުނީ މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ކުރީގައި ކަމަށެވެ.
ސްޕެޝަލް އޮލިމްޕިކްސް- ވަރލްޑްގޭމްސް 2019 ގައި ދިވެހިރާއްޖެއިން ބައިވެރިވި ޓީމުގައި ހިމެނެނީ ދެ އަންހެން އެތުލީޓުންނާއި، ދެ ފިރިހެން އެތުލީޓުންނެވެ. މިމުބާރާތުގެ ނިއުނޭޝަންގެ 200 މީޓަރު ކެޓަގަރީގެ ފިރިހެން ދުވުންތެރިންގެ ފައިނަލް ހީޓްގައި ވާދަކޮށް، ރާއްޖޭގެ ވަސްމީ ވަހީދު ވަނީ ރިހި މެޑަލް ހޯދައިފައެވެ. އަދި ނިއުނޭޝަންގެ 100 މީޓަރު ކެޓަގަރީގެ ފައިނަލް ހީޓުން އެއްވަނަ ހޯދައިގެން ސިފްނާ އިބްރާހީމް ވަނީ ރާއްޖެއަށް ރަން މެޑަލް ހޯދައިދީފައެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސްޕެޝަލް އޮލިމްޕިކްސް - ވަރލްޑްގޭމްސް 2019ގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް ޓަކައި ހުރިހާ އެތުލީޓުންނަށާއި އޮފިޝަލުންނަށް ޝުކުރު އަދާކުރައްވައި، މަރުހަބާ ވިދާޅުވިއެވެ.
އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޓީމުން ހޯދި ބޮޑު ކާމިޔާބީއަކީ ހުރިހާ ދިވެހި ރައްޔިތުންނަށްވެސް ވަރަށް ބޮޑު އުފަލެއް ލިބިގެންދިޔަ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އެތުލީޓުންނަށް މުބާރާތުގައި ކުރެވުނު ތަޖުރިބާއާއި، އިތުރަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު އޮޅުންފިލުއްވިއެވެ. އަދި، ދަތިވެފައިވާ ކަންކަން ހައްލު ކޮށްދެއްވުމަށް ސަރުކާރުގެ ތެރެއިން މަސައްކަތް ކޮށްދެއްވޭނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ޓީމުގެ ފަރާތުން ދެއްކެވި ވާހަކައިގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެކި ދާއިރާތަކުން ފުރުސަތުތައް ހޯދައިދިނުމަށް، ސްޕެޝަލް އޮލިމްޕިކްސް ކޮމިޓީން އިސްނަންގަވައިގެން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދަވާ ކަމުގައި ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތްތާނގައިވެސް ދުނިޔޭގެ ފެންވަރުގައި ބާއްވާ ބޮޑެތި މުބާރާތްތަކުގައި ވާދަކުރުމަށް ރާއްވަވާފައިވާ ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގެ މައިދާނުގައި މިވަގުތު އެންމެ ބޮޑަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.
ސްޕެޝަލް އޮލިމްޕިކްސް - ވޯލްޑްގޭމްސް 2019 އަކީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުތަކުގައި ބައިވެރިވެ، ވާދަވެރި މާހައުލެއްގައި އެފަދަ ފަރާތްތަކުގެ ގާބިލިއްޔަތުކަމަށް ރިއާޔަތް ކޮށްގެން އިންތިޒާމް ކުރާ ބައިނަލްއަގްވާމީ މުބާރާތެކެވެ.