ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ގުޅޭ ގޮތުން ފުލުހުންނަށް މައުލޫމާތު ދިނުމުގެ ގޮތުން އެކަމަށް ހާއްސަ ޕްރޮގްރާމެއް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ފަށައިފި އެވެ.
އިންތިހާބާއި ބެހޭ މަރުކަޒުގައި ކުރިއަށްދާ މި ސެޝަން ފަށާފައި ވަނީ މިއަދު ހެނދުނެވެ. އެގޮތުން މިއަދު ހެނދުނު މި ސެޝަން ފެށުމުގެ ގޮތުން ކުރިއަށްދިޔަ ރަސްމިއްޔާތުގައިި އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވާހަކަ ދައްކަވާފައެވެ.
އެގޮތުން އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ އިލެކްޝަނުން ކުރިއަށް ގެންދާ ހުރިހާ އިންތިހާބެއްގައި ވެސް އެންމެ އެކްޓިވް ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަނީ ފުލުހުން ކަމަށް ވިދާޅުވެ ފުލުހުންގެ މަސައްކަތައް ޝުކުރު ދަންނަވާފައެވެ. މީގެ އިތުރުން ފުލުހުންނަކީ ރައްޔިތުންނަށް ވަރަށް މުހިއްމު ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދާ ބައެއްކަމަށާއި މިކަން ރައްޔިތުން ގަބޫލު ކުރައްވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވަނީ އިންތިހާބުގައި ފުލުހުން މައިގަނޑު ގޮތެއްގައި އިންތިހާބީ އެކި ކަންކަމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިތުރަށް އިންތިހާބީ މަރުކަޒު ތަކުގެ ކިޔު ތަރުތީބު ކުރުމާއި ކިޔުގަ ތިބެ މީހުންނަށް އެމީހުންގެ ކިޔު ނަންބަރު ދިނުން ފަދަ މަސައްކަތްވެސް ކުރާނެކަމަށް ވިދާޅުވެފައެވެ. ފުލުހުން އިންތުހާބީ މަރުކަޒު ތަކަށް ވަނުމުގެ ބަދަލުގައި ސްކައުޓް އަދި ކެޑޭޓުންގެ އެހީ މިކަމުގައި ލިބޭތޯ އިލެކްޝަނުން މަސައްކަތް ކުރި ކަމަށާއި ނަމަވެސް މި ހަރަކާތްތަކުގައި އުޅޭ ކުދިންނަކީ ކިޔަވާކުދިންނަށް ވުމުން އެކުދިން މިފަދަ ކަމެއްގައި ޝާމިލް ކުރުމަށް ކަމާއި ބެހޭ އިދާރާތަކުން އެހާ ހިއްހަމަ ނުޖެހޭ ކަމަށް ޝަރީފް ހާމަކުރިއެވެ.
މީގެ އިތުރުން ދެ ހާލަތެއް މެދުވެރިވެގެން ނޫނީ ފުލުހުންނަށް ވޯޓު ފޮށި ހުންނަ ސަރަހައްދަށް ނުވަދެވޭނެކަމަށް ޝަރީފު ވިދާޅުވިއެވެ. އެއީ ވޯޓު ފޮށީގެ ވެރިޔާ ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެ ހާލަތެއްގަޔާއި އެ ސަރަހައްދުގައި ފުލުހުން ހުއްޓުވަންޖެހޭ ވަރުގެ ޖިނާއީ ކުށެއް ހިނގައިފި ކަމަށް ވާނަމައެވެ. ނަމަވެސް އެ ފަދަ ހާލަތެއްގައިވެސް ފޮށީގެ ވެރިޔާގެ ހުއްދަ ހޯދަން ޖެހޭ ކަމަށް ޝަރީފު ވިދާޅުވި އެވެ.
މީގެ އިތުރުން ފުލުހުންގެ އެހީތެރިކަމާއެކު މި އިންތިހާބު ސުލްހަ ވެރިކަމާއެކު ނިންމާލެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ޝަަރީފު ވިދާޅުވިއެވެ.