ހުސްވި މާޗު މަހު އަރިދަފުސް ރޯގާ އާއި ޑެންގޫ ހުން ޖެހުނު މިންވަރު އޭގެ ކުރީ މަހާ އަޅައި ބަލާއިރު ވަރަށް ބޮޑުތަނުން އިތުރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ފެބްރުއަރީ މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވަނީ 146 މީހުންނެވެ. އެކަމަކު މިދިޔަ މަހު 23 މީހުން އިތުރުވެ، މި އަދަދު ވަނީ 169 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުން އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ މަހު ރިޕޯޓުކުރި މީހުންގެ އަދަދު ވެސް އޭގެ ކުރީ މަހާ އަޅައިބަލާއިރު ވަނީ އިތުރުވެފައެވެ. އެގޮތުން ފެބްރުއަރީ މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވަނީ 30،628 މީހުންނެވެ. އަދި މިދިޔަ މަހު ޖުމުލަ 37،969 މީހުންނަށް އަރިދަފުސް ރޯގާ ޖެހިގެން ވަނީ ރިޕޯޓުކޮށްފައެވެ.
އެޗްޕީއޭއިން ބުނީ އިންފުލުއެންޒާއަށް ޓެސްޓުކުރެވުނު މިންވަރުވެސް މިދިޔަ މަހު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު 167 މީހަކު އިންފުލުއެންޒާއަށް ޓެސްޓުކޮށްފައިވާ އިރު، އޭގެން 27 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. ފެބްރުއަރީ މަހު މި ބައްޔަށް ޓެސްޓުކުރީ 131 މީހުންނެވެ. އަދި އެ މަހު މި ބައްޔަށް ޕޮޒިޓިވްވީ އަށް މީހުންނެވެ. އޭގެ އިތުރުން މިއަހަރުގެ މިހާތަނަށް ޖުމުލަ 458 ސާމްޕަލްގެ ތެރެއިން 62 ސާމްޕަލް ޕްޒިޓިވްވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އެޗްޕީއޭއިން ބުނީ މާޗު މަހު ވައިރަލް ހުމާއި، ލޮލުރޯގާ އަދި ފާނަބަސަންދު އިތުރުވެފައިވީ ނަމަވެސް، ބޭރަށް ހިންގުމާއި ހޭންޑް ފުޓް އެންޑް މައުތް ޑިސީސަސް އާންމުކޮށް އުޅޭ ވަރާ އަޅައި ބަލާއިރު އިތުރުނުވާ ކަމަށެވެ.
ހުސްވި ހަފުތާގައި ކޮވިޑު ޖެހުނު މީހުންގެ އަދަދުވެސް އިތުރުވެފައިވާތީ ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.