ވިކްޓަރީ ސްޕޯޓްސް ކަލްބު

ގިނަ ދުވަސްތަކަކަށްފަހު މާޒިޔާ ދޫކޮށްލައި، ޔާމްބެ ވިކްޓަރީއަށް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުރިން ކުޅުނު މޫސާ ޔާމީން (ޔާމްބެ) ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުޅުމަށް ސޮއިކޮށްފިއެވެ.

މިއަހަރުގެ އެފްއޭ ކަޕާއި ދެވަނަ ޑިވިޝަނުގައި ވާދަކުރުމަށް ވިކްޓަރީއާއި ނިއު ރޭޑިއަންޓުންވެސް ތައްޔާރުވަމުން އަންނަ އިރު، އެ ޓީމަށްވެސް މިހާތަނަށް ވަނީ ރަނގަޅު ކުޅުންތެރިންތަކެއް ގެންގޮސްފައެވެ.

ވިކްޓަރީގެ ކޯޗަކަށް ސޮބާހު މުހައްމަދު (ސޮބާ) ހަމަޖައްސާފައިވާ އިރު، އެޓީމަށް ވަނީ ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ) އާއި އެ ކްލަބަށް ކުރިންވެސް ކުޅުނު ލެޖެންޑަރީ މިޑްފީލްޑަރު މުހައްމަދު އުމައިރު އަދި ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ވެސް ގެންގޮސްފައެވެ. އޭގެ އިތުރުންވެސް މިދިޔަ ސީޒަނުގައި ކްލަބު ވެލެންސިއާއިން ފެނުނު ހުސެއިން ފައިސަލް (ފައިޓޯ)އާއި މިދިޔަ ސީޒަނުގައި ނިއުއިން ފެނިގެންދިޔަ އިބްރާހީމް ސިނާހު (ސިނާ) އަދި މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބްގެ ކެޕްޓަން، އަހުމަދު ރިލްވާން (ބެން) ވެސް މިފަހަރު ފެނިގެންދާނީ ވިކްޓަރީންނެވެ.

އއ. ތޮއްޑުއަށް އުފަން ޔާމްބެ ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ތައާރަފު ވެގެންދިޔައީ ރަށު ޓީމުންނެވެ. ތޮއްޑޫއާއެކު ފުރަތަމަ ޑިވިޝަނަށް ނުކުތް ޔާމްބެ، އޭގެ ފަހުން އޯލް ޔޫތު ލިންކްއޭޖް (އޭވައިއެލް)އާއި ނިއުއިން ފެނުނު އިރު، އޭނާ މާޒިޔާއަށް ބަދަލުވީ 2014 ވަނަ އަހަރުއެވެ. އޭގެ ފަހުން ނިމިދިޔަ ސީޒަނާ ހަމައަށް ޔާމްބެ މާޒިޔާގައި ހޭދަކޮށްފައިވާ އިރު، މިދިޔަ ސީޒަނުގައި ޔާމްބެއަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ކުރިމަތިވިއެވެ.

ޔާމްބެ ވަނީ 23 އަހަރުން ދަށުގެ ގައުމީ ޓީމާއި ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެފައެވެ.