ޚަބަރު

ތިލަމާލެ ބްރިޖް ހަދާ އިންޑިއާގެ އެފްކޮންސް ކުންފުނި ވިއްކާލަނީ

އިންޑިއާގެ ބިލިއަނަރު ޝަޕޫރު މިސްޓްރީގެ ޝަޕޫރުޖީ ޕަލޮންޖީ (އެސްޕީ) ގްރޫޕަށް މާލީ ދަތިތަކާ ކުރިމަތިވެ، އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑް ވިއްކާލަން ނިންމައިފިއެވެ.

އެފްކޮންސް އަކީ ތިލަމާލެ ބުރިޖާއި އައްޑޫ މަގުތައް ހަދަން ހަވާލުކޮށްފައިވާ ކުންފުންޏެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އިންޑިއާގެ އެންމެ މަގުބޫލު އެއް ކުންފުނި ކަމަށްވާ އެސްޕީ ގްރޫޕުން ގާތްގަނޑަކަށް 2.5 ބިލިއަން ޑޮލަރުގެ އެސެޓް ވިއްކާލަން މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އެފްކޯންސް އާއި އިންޑިއާގެ އިރުމަތީ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު އެއް ޕޯޓު ކަމަށްވާ ގޯޕާލްޕޫރު ޕޯޓު ހިމެނެއެވެ.

އަދި އެ ކުންފުނީގެ ދަށުގައިވާ 100 މިލިއަން އަކަފޫޓަށް ވުރެ ބޮޑު ރިއަލް އެސްޓޭޓް އެސެޓްތަކުގެ ބައެއްވެސް ވިއްކާލަން ވިސްނަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އެސެޓުތައް ވިއްކުމަށްފަހު ލިބޭ ފައިސާ ބޭނުން ކުރާނީ އެ ކުންފުނީގެ 21،000 ކްރޯޑް ރުޕީސް (2.5 ބިލިއަން ޑޮލަރު)ގެ ދަރަނި ދެއްކުމަށާއި ކުންފުނީގެ އެހެނިހެން ބޭނުންތަކަށެވެ.

ޝަޕޫރްޖީ ޕަލޮންޖީ ގްރޫޕަކީ 1865 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެ ގްރޫޕުން އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން، ރިއަލް އެސްޓޭޓް، ޓެކްސްޓައިލްސް، ގޭތެރޭގެ ސާމާނު، ޝިޕިން، ބަޔޯޓެކްނޮލޮޖީ ފަދަ އެކި ސެގްމަންޓްތަކުގައި ވިޔަފާރި ކުރެއެވެ. އެސްޕީގެ ދަށުން ހިންގާ އެފްކޯންސް އިން އަންނަނީ އޭޝިއާ، އެފްރިކާ އަދި މެދުއިރުމަތީގެ 25 އަށް ވުރެ ގިނަ ގައުމުގައި މަޝްރޫއުތައް ހިންގަމުންނެވެ.