އަލިރަސްގެފާނު ޒިޔާރަތް އާބާތުރަފިލުވައި ބެލެހެއްޓުމަށް ސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒާއި މާލެ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިޔުއެސްސީ) އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެމްޑަބްލިޔުއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ފަރާތުން މަރުކަޒުގެ މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މަރުކަޒުގެ އިސްވެރިޔާ އަދި ހެރިޓޭޖު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގުއެވެ. އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.
މި ރަސްމިއްޔާތުގައި ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫންގެ އިތުރުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއި އެމްޑަބްލިޔުއެސްސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުމުގެ ދަށުން، އަލިރަސްގެފާނު ޒިޔާރަތް އާބާތުރަ ފިލުވައި ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި، ޒިޔާރަތުގެ ފާރުތަކާއި ގޭޓުގައި ކުލަ އާއި ދަވާދުލައި، ދިދަ ދަނޑި މަރާމާތުކޮށް، ސާވޭލަންސް ކެމެރާ ހަރުކޮށް އަދި އެތަން ޒީނަތްތެރިކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެއް އަހަރު ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ މި މަސައްކަތްތަކަކީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ހާއްސަ ލަފަ އާއި އިރުޝާދާ އެކު، އެމްޑަބްލިޔުއެސްސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިޔައްގެންދާ މަސައްކަތްތަކެކެވެ.
އެމްޑަބްލިއުއެސްސީން ބުނީ އަލި ރަސްގެފާނު ޒިޔާރަތް ފަދަ ރައްޖޭގެ މުއްސަނދި ސަގާފީ ތަރިކަ ފެންނަށް ހުރި ބިނާތައް، ރަނގަޅު ގޮތެއްގައި ބެލެހެއްޓުމަކީ އިހުގެ ސަގާފަތް، އަންނަ އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ.