ޚަބަރު

މަޑުއްވަރީ އެކްސިޑެންޓު: ޕިކަޕް ދުއްވި މީހާ އަތުގައި އެ ކެޓެގަރީ ލައިސެންސެއް ނެތް!

ރިފާ ހަލީލު

ރ. މަޑުއްވަރީގައި މިދިޔަ އާދީއްތަ ދުވަހު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު ނިޔާވެފައިވާ އިރު، އެކްސިޑެންޓުވި ޕިކަޕް ދުއްވަން އިން މީހާގެ އަތުގައި އެ ކެޓެގަރީގެ ލައިސެންސެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

މަޑުއްވަރީ ކައުންސިލްގެ ގަރާޖަށް ޕިކަޕު ވައްދަން އުޅުމުގެ ތެރޭގައި ޕިކަޕާއި ފާރާއި ދޭތެރޭ ފިތިގެން އެކައުންސިލްގެ ސެކެރެޓަރީ ޖެނެރަލް އަސްލަމް އަބްދުﷲ ވަނީ ނިޔާވެފައެވެ.

ފުލުހުންގެ މީޑިއާ އިން "ވަން" އަށް މިއަދު ބުނީ ޕިކަޕް ދުއްވަން އިން މީހާ އަތުގައި އެ ކެޓެގަރީގެ ލައިސެންސެއް ނެތް ކަމަށެވެ. އެހެން ނަމަވެސް އޭނާ އަތުގައި އެހެން އުޅަނދުތައް ދުއްވުމުގެ ލައިސެންސް އޮތް ކަމަށާއި އެ ލައިސެންސް މިހާރު ހިފަހައްޓާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ލައިސެންސް ނެތި އުޅަނދެއް ދުއްވައި އެކްސިޑެންޓުވެ، މީހަކު މަރުވެއްޖެ ހާލަތެއްގައި އިހުމާލުވުމުގެ ދައުވާ ކުރެވޭނެއެވެ. މީގެ ކުރިންވެސް މިފަދަ ދައުވާތައް ބައެއް ކޭސްތަކުގައި ކޮށްފައި އެބަހުއްޓެވެ.

މަޑުއްވަރީގައި މި އެކްސިޑެންޓު ހިނގީ ޕިކަޕް ފަހަތައް ޖެއްސި ވަގުތު އޮޅިގެން ސްޕީޑަށް ފިތިގެން ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ. އަދި އޭރު އަސްލަމް ހުންނެވީ ޕިކަޕު ފަހަތުގައި ކަމަށާއި ޕިކަޕް ކޮންޓްރޯލް ނުވެ އަސްލަމް ގައިގައި ޖެހި ފާރާއެކު ފިތުނީ ކަމަށްވެސް ބުންޏެވެ.

އަސްލަމް ނިޔާވީ އެ އަތޮޅު އުނގޫފާރަށް ގެންގޮސް ފަރުވާދެމުންދަނިކޮށެވެ.