ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ޚާއްސަކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކައުންސިލް ތަކަށް އިންތިޚާބުކުރާ މީހުންގެ ތެރެއިން 33 ޕަސެންޓު މީހުންނަކީ އަންހެނުންނަށް ހެދުމަށް ސަރުކާރުން، ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ގޮތުން ކުރީ ސަރުކާރުން އަތުލާފައި ހުރި ކައުންސިލްތަކުގެ ބާރުތަކުގެ ތެރެއިން ބައެއް ބާރުތައް ކައުންސިލްތަކަށް އަނބުރާ ދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ކައުންސިލްތަކަށް ބާރުތައް ދިނުމުގެ އިތުރުން އެމަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުވުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުވުމަށް ބޭނުންވާ ގިނަ އިސްލާހުތަކެއް ލާމަރުކަޒީ ގާނޫނަށް މިހާރު ހުށަހަޅުއްވާފައިވާ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދަޅުވި އެވެ. އޭގެ ތެރޭގައި ދައުލަތުގެ ބަޖެޓުގެ މަދުވެގެން ފަހެއް އިންސައްތަ ކައުންސިލްތަކަށް ދިނުމާއި ކައުންސިލްތަކުގެ އިޚުތިސާސް ތެރެއިން ލިބޭ އާމްދަނީގެ 40 ޕަސެންޓު ސީދާ އެ ކައުންސިލަކަށް ލިބޭނެ ގޮތަށް ހަމަޖެއްސުން ހިމެނޭ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.