ރައީސް ޔާމީން

ރައީސް ޔާމީންގެ ބަންދުގެ މައްސަލައިގެ އަޑުއެހުމެއް މިއަދު ހައިކޯޓުގައި

މަރިޔަމް ޝަހުދާ

1

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުގައި ބެހެއްޓުމަށް ކްރިމިނަލްކޯޓުން ކުރި ހުކުމްގެ އިސްތިއުނާފު އަޑުއެހުމެއް ހައިކޯޓުގައި މިއަދު ތާވަލްކޮށްފި އެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައި ވަނީ ފާއިތުވި ފެބްރުއަރީ މަހުއެވެ. މި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމަށް ފަހު ބޭއްވި އަޑުއެހުންތައް ނިންމާލާފައިވައި ވަނީ މި މަހު 12ގައެވެ. އެދުވަހުގެ އަޑު އެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ މައްސަލައިގައި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނަ އަޑުއެހުމެއްގައި ހުކުމް އިއްވާނެކަމަށް އިއުލާނުކުރައްވައިފައެވެ. އެހެންކަމުން މިއަދުގެ އަޑުއެހުމުގައިމި މައްސަލައިގެ ހުކުމް އިއްވާނެކަމަށް ބެލެވެއެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ 14:30 އަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައި ވަނީ، އިސްލާމިކް ބޭންކުގައި އޮންނަ އެމަނިކުފާނުގެ ޑޮލަރު އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގަ އެވެ. އެ މައްސަލައިގައި ރައީސް ޔާމީން ވަނީ ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ދައްކައިފަ އެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ވަނީ އެ މަނިކުފާނު ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވީ އެސްއޯއެފުން އެމަނިކުފާނުގެ އިސްލާމިކް ބޭންކަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ނޫން ކަމަށް ބުނެފައެވެ.

މިމަހު 13 ވަނަ ދުވަހު ރައީސް ޔާމީން ވަނީ ބަލި ހާލަތު ހުރިގޮތުން ޑޮކްޓަރު ދެއްވާފައިވާ ލަފަޔާ އެއްގޮތަށް ގޭބަންދަށް ބަދަލުކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟