ދައުލަތުގެ އަހަރީ ބަޖެޓުން މަދުވެގެން ފަސް ޕަސެންޓާއި ކައުންސިލުތަކުގެ އިޚުތިސާސް ތެރެއިން ލިބޭ އާމްދަނީގެ 40 އިންސައްތަ ސީދާ އެ ކައުންސިލަކަށް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅުއްވާފައި ވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމަކީ، ލާމަރުކަޒީ އުސޫލުން ދާއިރާތައް ހިންގުމާއި ކައުންސިލުތައް ބާރުވެރިކުރުން ކަމަށެވެ. އެމަގަށް ކަންކަން ގެންދިއުމަށް އެންމެ މުހިންމު ކަމަކީ ކައުންސިލްތަކަށް ގާނޫނީ ބާރުވެރިކަން ދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ދައުލަތުގެ ބަޖެޓުން މަދުވެގެން ފަހެއް އިންސައްތަ ކައުންސިލްތަކަށް ދޭން ލާމަރުކަޒީ ގާނޫނަށް މިހާރު ވާނީ އިސްލާހު ހުށަހަޅާފަ. މީގެ އިތުރުން، ކައުންސިލުގެ އިޚުތިސާސްގައި ހިމެނޭ ބިމާއި ރަށްރަށާއި ފަޅާއި ފަރުތަކަށް ކުލީގެ ގޮތުގައި ނެގޭ އާމްދަނީގެ 40 ޕަސެންޓު ވެސް ސީދާ ކައުންސިލުތަކަށް ލިބިގެން ދާނެ." ރައީސް ސޯލިހު ވިދާޅުވި އެވެ.