ސިނަމާލެ ބްރިޖުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އެކަކަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އެކްސިޑެންޓް ހިނގާފައިވަނީ ބްރިޖު ލައިޓަށް މަޑުކޮށްގެން އިން ސައިކަލެއްގައި ފަހަތުން އައި ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެފައިވެއެވެ.
އަނިޔާވެފައިވަނީ 47 އަހަރާއި 31 އަހަރާއި 43 އަހަރުގެ ފިރިހެނުންނަށެވެ. އޭގެ ތެރެއިން 43 އަހަރުގެ މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗުގައެވެ.
އައިޖީއެމްއެޗް މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި އެކަކަށް އެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށާއި އޭނާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ. އިތުރު ފަލްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.
އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އިރު، އަނެއް ދެ މީހުންނަށް ފަރުވާދެމުންދަނީ ސެނަހިޔާ ހޮސްޕިޓަލްގައެވެ. ނަމަވެސް އެ ތިން މީހުންނަށް ލިބިފައިވަނީ ކިހާ ވަރެއްގެ އަނިޔާތަކެއް ކަމެއް ސާފެއް ނުވެއެވެ.