މިއަދަކީ އެމަނިކުފާނުގެ ވެރިކަމުގެ 90 ވަނަ މަސައްކަތު ދުވަސް ކަމަށާއި 100 ދުވަސް ތެރޭ ފުއްދުމަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން 83 އިންސައްތަ ވައުދު ފުއްދިފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މީގެ އިރުކޮޅެއް ކުރީން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވަނީ، އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ވެވަޑައިގެންނެވި 160 ވައުދު ފުއްދެވުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި މުޅީން ޚަރާބުވެފައި އޮތް ވެރިކަމުގެ ނިޒާމެއްގެ ތެރޭގައި އެކަންކަން ކުރައްވަން އެހާ ފަސޭހަ ނޫން ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދައި ރައްޔިތުންނާ ހަމައަށް އޭގެ ފަސޭހަކަން ފޯރުކޮށްދިނުމަށް ކެބިނެޓާއި ރައީސް އޮފީހުގެ މުވައްޒަފުންނާއި އެ ނޫން ވެސް އެކިއެކި މުއައްސަސާތަކުން ބުރަ މަސައްކަތަކެއް ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ މިހާރު ނުފުއްދި އޮތް 17 ޕަސެންޓު ވައުދު ނުފުއްދި ވަނީ އެ ވައުދުތައް ފުއްދުމާ ގުޅިފައި ހުރި ބައެއް ހުރަސްތަކުގެ ސަބަބުން ކަމަށެވެ. އޭގެ ތެރޭގައި ގާނޫނަށް ބައެއް ކަހަލަ ބަދަލުތައް ގެންނާން ޖެހޭ ކަންކަމާއި ޖުޑިޝަރީއާ ގުޅުން ހުރި ބައެއް ކަންކަން ވެސް ހިމެނޭ ކަމަސށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ކުރުމުއްދަތެއްގެ ތެރޭގައި ފުއްދަވައިދެއްވުނު ބައެއް ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވިއްޖެ ކަމަށެވެ. ބައެއް ކަންކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވައިލެއްވި އެވެ. އޭގެ ތެރޭގައި ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވޭނެ ފުރުސަތު ފަހިކޮށްދިނުމާއި ސްކޫލު ދަރިވަރުންނަށް ހިލޭ ނާސްތާ ލިބުމާއި ކަރަންޓުގެ އަގު ހެޔޮ ވުމާއި ކައުންސިލް ތަކުން ނަގާފައިވާ ބާރުތައް އަލުން އަނބުރާ ކައުންސިލްތަކަށް ދިނުން ފަދަ ބޮޑެތި ބައެއް ކަންކަން ހިމެނެ އެވެ.