ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރަސްމީ ރިޒާވަށް 200 މިލިއަން ޑޮލަރު އިތުރުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކާ ބެހޭގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގައި މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ ރިޒާވަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަސް ނިމުނު އިރު 592 މިލިއަން ޑޮލަރުގައި ހުރި ރާއްޖޭގެ ރަސްމީ ރިޒާވް މިދިޔަ އަހަރު ނިމުނު އިރު 757 މިލިއަން ޑޮލަރަށް އިތުރުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް 805 މިލިއަން ޑޮލަރަށް އިތުރުކުރެވިފައި ކަމަށާއި، މި އަދަދުތަކުން ރާއްޖޭގެ ރަސްމީ ރިޒާވް އެމަނިކުފާނުގެ ވެރިކަމުގައި 200 މިލިއަން ޑޮލަރުން އިތުރުކުރެވިފައިވާކަން ހާމަވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ ޔޫސަބަލް ރިޒާވް މިދިޔަ އަހަރުގެ އޮކްޓޫބަރ މަސް ނިމުނު އިރު 171 މިލިއަން އެމެރިކާ ޑޮލަރު ހުރިކަމަށާއި ނަމަވެސް އެ އަދަދު މިހާރު ހުރީ 240 މިލިއަން އެމެރިކާ ޑޮލަރުގައި ކަން ރައީސް ފާހަގަ ކުރެއްވިއެވެ.