ފެނަކީ ދިރިހުރުމަށް ކޮންމެހެން ބޭނުން އެއްޗަކަށް ވާއިރު ދުވާލަކު މަދުވެގެން ތިން ލީޓާރު ފެން ބުއިމަށް ޑޮކްޓަރުން ލަފާދެއެވެ. މިއީ ދުޅަހެޔޮ ހަށިގަނޑަކަށް ކޮންމެހެން ބޭނުން ތެރިކަމެކެވެ.
ނަމަވެސް ބައެއް ފަހަރު ކިތަންމެ ވަރަކަށް ފެން ބުޔަސް، ކަރު ހިއްކުން ފިލައިގެން ނުދެއެވެ. އަދި ބަނޑުހައިކަންވެސް ފިލައިގެން ނުދެއެވެ. މިހެން ވާން ދިމާވާ ސަބަބުތަކަށް ބަލައިލާނަމެވެ.
މާ ގިނައިން ލޮނު ބޭނުން ކުރާނަމަ ކަރުހިއްކާނެއެވެ. ލޮނަކީ ހަށިގަނޑުގައި ހުންނަ ސެލްތަކުން ފެން ދަމާލާ އެއްޗެކެވެ. އަދި ސިކުނޑިއަށް އެ ސަލްތަކުން ފެންބޭނުންވާ ކަމަށް މެސެޖްފޮނުވަމުން ދެއެވެ. އެހެންކަމުން އާންމު ގޮތެއްގައި ދުވާލަކު ގިނަ ވެގެން ބޭނުން ކުރަންވާނީ ފަސް ގްރާމް ލޮނެވެ. ލޮނު ގިނައިން ބޭނުން ކުރެވޭ ނަމަ އިތުރު ސިއްހީ މައްސަލަތައްވެސް ޖެހިގެން ދެއެވެ.
ހެނދުނު ދުވާ މީހެއް ކަމުގައި ވާނަމަ އެދުވަހަކު ހަށިގަނޑަށް ގިނައިން ފެން ބޭނުން ވެއެވެ. ކަސްރަތު ކުރުމުން ދާހިތްލުމާއެކު ހަށިގަނޑުން ގިނަ އަދަދަކަށް ފެން ބޭރުވެއެވެ. އެހެން ކަމުން ހެނދުނު ކަސްރަތު ކުރާ ނަމަ އެ ބޭރުވާ ފެންތައް ހޯދުމަށް މުޅި ދުވަހު ހަށިގަނޑު އެދޭނެއެވެ. އޭގެ ސަބަބުން ގިނައިން ކަރުހިއްކުމަށް މެދުވެރިވެއެވެ.
އަވިގަދަ މޫސުމުގައި ގިނައިރު އަވީގައި އުޅޭ ނަމަ ގިނައިން ކަރުހިއްކައި ފެންބޮވާނެއެވެ. އެއީ އަވީގައި މާ ބުރަ ކަމެއް ނުކުރިނަމަވެސް، އަވީގެ ދޯދިން މީހާ ޑީހައިޑްރޭޓްކޮށްލާތީއެވެ. އެހެން ކަމުން ގިނައިރު ބޭރުގައި، ހާއްސަކޮށް އަވީގައި އުޅެން ޖެހޭ ނަމަ ފެންފުޅިއެއް ގެންގުޅުން މުހިއްމެވެ.
ޓެސްޓް ނުހަދާ ނަމަ ބައެއް މީހުންނަށް ޑައިބެޓިކް ނުވަތަ ހަކުރުބަލި ހުންނަކަން ނޭނގި ޑީހައިޑްރޭޝަންގެ ގޮތުގައި ހީވެގެންދެއެވެ. ބޮޑަށް ފެންބޮވާނަމަ، ގިނައިން ފާހާނައަށް ދެވޭނަމަ އަދި ފުސްކޮށް ތަންތަން ފެންނަ ނަމަ އެއީ ހަކުރުބަލީގެ ބައެއް ނިޝާނެވެ. އެހެންކަމުން މި ނިޝާންތައް ހުންނަ ނަމަ ހަކުރު ބައްޔަށް ޓެސްޓުކުރުން މުހިއްމެވެ.
އަނގަ ހިކުން ނުވަތަ ޒެރޮސްޓޮމިއާ އަކީ ކަރުހިއްކުމަށް މަގުފަހިކުރާ ކަމެކެވެ. މިއީ އާންމު ނޫން މެޑިކަލް ކޮންޑިޝަނެއްގެ ސަބަބުން ދިމާވާ ކަމެކެވެ. އަނގައިން ބޭނުންވާ ވަރަށް ކުޅު އުފައްދައި ނުދެންޏާ ފެން ބޯން ބޭނުންވާނެއެވެ.
ބައެއް ކަހަލަ ބޭހުން ވެސް އަންގަ ހިއްކާލައި، ކަރުހިއްކުމަށް މަގުފަހިވެއެވެ. އެހެންކަމުން ޑޮކްޓަރު ބޭހެއް ދިނުމުން އެއާ ގުޅިގެން ލައިފްސްޓައިލް ބައްޓަން ކުރާނެ ގޮތުގެ ތަފްސީލު ސާފުކުރުން މުހިއްމެވެ.