ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރިޝްވަތުގެ ގޮތުގައި ދީފައިވަނީ އެމްޑީޕީ ސަރުކާރުން އެޅި ފްލެޓުތައް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ "އެޖެންޑާ 19"ގެ ކެމްޕެއިންގެ ދަށުން ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި ދީފައިވާ ފްލެޓްތަކަކީ ރައީސް ނަޝީދު ވެރިކަމުން ވައްޓަވާލެއްވިއިރު ނިންމަވާފައިވާ 4،000 ފްލެޓުގެ ތެރެއިން ފްލެޓުތައް ކަމަށެވެ.
"ރައީސް ޔާމީން އުފެއްދެވި ކޮންޓްރެކްޓަކުން އަދި ހެއްދެވި އެންމެ ފްލެޓެއްވެސް، އެންމެ ފްލެޓެއްވެސް، އެންމެ ބޯހިޔާވަހިކަމެއްވެސް، ރާއްޖޭގެ ރައްޔިތަކަށް ނުލިބޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންނަމަވެސް އެ ސަރުކާރުން ފަށާފައިވާ "ކޮތަރުކޮށި" ތަކެއް ހުޅުމާލޭގައި އެބަ ހަދާ ކަމަށާއި އަދި އެ މަސައްކަތް ނުނިމޭ ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
"ނަމަވެސް ހުރިހާ ބޭފުޅުންވެސް މިހާރު ވަންނަވާ ތި ތިއްބަވަނީ ހަމަ އެމްޑީޕީން ފަށާފައި ހުރި މަސައްކަތް. އަޅުގަނޑުމެން ޕާޓީން އުފައްދަވާފައިވާ ކޮންޓްރެކްޓް. އަޅުގަނޑުމެން ޕާޓީން ނިންމާފައިވާ މަސައްކަތް،" ރައީސް ނަޝީދު ވިދާޅުވިއެވެ.