އުރީދޫ މޯލްޑިވްސް އިން ރޯދަމަހަށް ހާއްސަކޮށްގެން ބާއްވާ އުރީދޫ ބޮކި ބޯޅަ މުބާރާތް ފަށައިފިއެވެ.
އުރީދޫ ބޮކި ބޯޅަ މުބާރާތަކީ ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓުބޯޅައަށް ތަފާތު އަދި މަޖާ ބަދަލުތަކެއް ގެނެސްގެން ކުޅޭ ބަމްޕާ ފުޓްބޯޅައެވެ. މި މުބާރާތް އިންތިޒާމު ކޮށްފައިވަނީ އުރީދޫގެ ބްރޭންޑް އެމްބަސަޑަރު މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާ އެކުއެވެ.
އުރީދޫ ބޮކި ބޯޅަ މުބާރާތް އިއްޔެ ފައްޓަވައިދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީއެވެ. އިއްޔެ ވަނީ މުބާރާތުގެ ތިން މެޗެއް ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން އުރީދޫ ބޮކި ބޯޅަ މުބާރާތުގައި ފުރަތަމަ ބައްދަލުކޮށްފައިވަނީ ކްރޮސްރޯޑްސް މޯލްޑިވްސް އާއި ޓެކާސްއެވެ. އެ މެޗު 2-0 އިން ކާމިޔާބުކުރީ ކްރޮސްރޯޑްސް މޯލްޑިވްސް އިންނެވެ.
ދެވަނަ މެޗުގައި ބައްދަލުކުރީ ބްރޮލާޒް (ރޭޖް ފިޓްނަސް) އާއި ޓްރީ ޓޮޕް ހޮސްޕިޓަލް އީއާރުސީއެވެ. އެ މެޗު ބްރޯލާޒް އިން ކާމިޔާބު ކޮށްފައިވާނީ 4-0 އިންނެވެ. ފަހު މެޗުގައި ޝަވިޔަނި ޓީމާއި ޓެކާސް ބައްދަލުކުރި މެޗު 1-0 ކާމިޔާބުކުރީ ޓެކާސްއެވެ.
މި މުބާރާތުގެ ރާއްޖޭގެ މޮޅު ބައެއް ކޯޕަރޭޓް ޓީމުތައް ވާދަކުރާ އިރު، މުބާރާތުގެ އެއް ވަނައަށް ޓީމަށް 20،000 ރުފިޔާ، ދެވަނަ ޓީމަށް 10،000 ރުފިޔާ އަދި ތިން ވަނަ ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅައިފައެވެ.
މި މުބާރާތަކީ ކޮންމެ މެޗެއްގައި 10 މިނެޓުގެ ދެ ހާފާއި ތިން މިނެޓުގެ ބުރޭކެއް ހިމެނެއެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި މޮޅުވެއްޖެ ނަމަ، ތިން ޕޮއިންޓް އަދި އެއްވަރުވުމުން އެއް ޕޮއިންޓް ލިބޭނެއެވެ. ނޮކްއައުޓް ސްޓޭޖުގައި ދެ ޓީމެއް އެއްވަރުވެއްޖެ ނަމަ ޕެނަލްޓީ ޝޫޓްއައުޓް އޮންނާނެއެވެ.
މި މުބާރާތުގެ ބާކީ ހުރި މެޗުތައް މިރޭ 9:00 ގައި އޮންނާނެއެވެ. އަދި ގްރޫޕް ސްޓޭޖުގެ ބާކީ ހުރި މެޗުތަކަށް ފަހު ފައިނަލް މެޗުގައި ބައްދަލުކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ ހޯދާ ޓީމުތަކެވެ.