ފުވައްމުލަކު ސިޓީގައި އުމުރުން 18 އަހަރު ނުވާ ކުޑަ ކުއްޖަކު ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް، އެހެން ސައިކަލެއްގައި ޖެހި އެ ކުއްޖާގެ އިތުރުން ދެ މީހަކަށް އަނިޔާ ވެއްޖެ އެވެ.
ފުލުހުން ބުނީ 16 އަހަރުގެ ފިރިހެން ކުއްޖެއް ދުއްވަން އިން ސައިކަލު އެހެން ސައިކަލެއްގައި ޖެހިފައިވާ ކަމުގެ ރިޕޯޓްކޮށްފައިވަނީ މިރޭ 7:34 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ 16 އަހަރުގެ ކުއްޖާ ދުއްވަން އިން ސައިކަލުގެ ފަހަތުގައި 20 އަހަރުގެ ޒުވާނެއް އިން ކަމަށެވެ. އޭނާ ޖެހުނު ސައިކަލުގައި އިނީ 39 އަހަރުގެ ލައިސަންސް އޮތް މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ ކުއްޖާއާއި ދެ މީހުންނަށް އަނިޔާވެ ފަރުވާ ދިނުމަށް ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެ ފަރާތްތަކަށް ހޮސްޕިޓަލުން ދަނީ ފަރުވާ ދެމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނިގޮތުގައި އެ އެކްސިޑެންޓް ހިނގާފައިވަނީ މުހައްމަދު ޖަމާލުއްދީން ނައިބު ތުއްތު މަގުން ބަނދަރާ ދިމާލަށް 16 އަހަރުގެ ކުއްޖާ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު، ފުނާޑު ކާނު ސަރަހައްދުން ދުއްވާފައި ދިޔަ ޕިކަޕެއް އޯވަޓޭކް ކުރަން އުޅެނިކޮށް، އެ މަގުގެ އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިފައެވެ.