މިއަދަކީ ރޯދަ މަހުގެ 15 ވަނަ ދުވަހެވެ. މަސް މާރުކޭޓުގައި މިއަދުވެސް ތަފާތު ވައްތަރުގެ ކަނޑުމަހާއި ފަރުމަސް ލިބެން އެބަހުއްޓެވެ. އަގުތައްވެސް ހުރީ ދާދި އެއްވަރެއްގައެވެ.
މަސް މާރުކޭޓުގައި މިއަދު އެންމެ ގިނައިން ލިބެން ހުރީ ކަނޑުމަހާއި ކަންނެއްޔެވެ. ކަނޑުމަސް ކިލޯއެއް ލިބެންހުރީ 28 ރުފިޔާއަށެވެ. ކަންނެލި ކިލޯއެއްވެސް ލިބެންހުރީ 28 ރުފިޔާއަށެވެ.
މާރުކޭޓުގައި މިއަދު އެންމެ ފާހަގަކޮށްލެވެނީ އަށްޓެއް މަތީގައި އޮތް ދެ ބަތްޕޮޅި މަހެވެ. އެކަތީގެ އަގަކީ 100 ރުފިޔާއެވެ. އަނެއް މަހުގެ އަގަކީ 80 ރުފިޔާއެވެ. އެއީ ރޭގެ ފަތިހުގެ ވަގުތެއްގައި ބޭނި ދެ މަހެވެ.
ބަތްޕޮޅި މަހަށް އިނގިރޭސިން ކިޔާ އުޅެނީ ލޯންގް ފިން ބެޓްފިޝްއެވެ. މިއީ ފުން ވިލުތަކާއި ކަނޑުގެ އުރަހަ ކައިރީގައި އުޅޭ މަހެވެ. މި ބާވަތުގެ މަސް އެންމެ ބޮޑަށް ބޮޑުވަނީ 24 އިންޗިއަށެވެ. މިއީ މަސް މީރު މަހެވެ.