ޚަބަރު

ސާޅީސް ފަސް އަހަރު ކުރިން ދިވެހި ސިފައިން ވަނީ ހެލިކޮޕްޓަރު ދުއްވާފައި: އުމަރު

އަހުމަދު ޖައިޝަން

މީގެ ސާޅީސް ފަސް އަހަރު ކުރިން ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ދިވެހި ސިފައިން ވަނީ މަތިންދާ ބޯޓާއި ހެލިކޮޕްޓަރު ދުއްވާފައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު އޭނާގެ އެފްބީ ފޯސްޓެއްގައި މިއަދު ވިދާޅުވީ ދިވެހި ސިފައިންނަށް ހެލިކޮޕްޓަރު ނުދުއްވޭނެ ކަމަށް ބުނުމަކީ ޖޯކެއް ކަމަށެވެ.

އުމަރު ވިދާޅުވީ މީގެ 45 އަހަރު ކުރިން ސިފައިންގެ ތެރޭގައި މަތިންދާ ބޯޓް ދުއްވާ ސެކްޝަނެއް ގާއިމްކޮށްފައި އޮތް ކަމަށާއި ދިވެހި ސިފައިން މަތިންދާ ބޯޓާއި ހެލިކޮޕްޓަރު ދުއްވައި އެތަކެތި ބެލެހެއްޓި ކަމަށެވެ.

ސިފައިންގެ ހިދުމަތުގައި އުޅުއްވި އުމަރު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަލްމަރުހޫމް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ކޮލި އަލި މަނިކުގެ މޭސްތިރި ކަމުގައި ކުދި މަތިންދާ ބޯޓާއި ހެލިކޮޕްޓަރު ދައުލަތުން ގަނެފައިވެއެވެ.

އަދި އެތަކެތި ބަލަހައްޓައި ދުއްވުމަށްޓަކައި ދިވެހި ސިފައިން ތަމްރީނު ކުރުމަށް ސްރީލަންކާގެ ރިޓަޔަރޑް ޕައިލެޓުން ރާއްޖެ ގެނެސް ތަމްރީން ކުރި ކަމަށް އުމަރު ވިދާޅުވިއެވެ.

އެގޮތުން އެ ތަމްރީންތަކަށް ބޭނުންކޮށްފައިވާ އުޅަނދުތައްވެސް އުމަރު ވަނީ ހާމަކޮށްފައެވެ. އެއީ:

ޕައިޕާ ސެނެކާ ބްރޭންޑްގެ ދެ އެއާކްރާފްޓް

ޗެރޯކީ ބްރޭންޑްގެ އެއާކްރާފްޓެއް

ސެސްނާ 172 ބްރޭންޑުގެ އެއާކްރާފްޓެއް

ބެލް 47ޖޭ ބްރޭންޑުގެ ދެ ހެލިކޮޕްޓަރު

ސްކައިވޭން ބްރޭންޑުގެ އެއާކްރާފްޓެއް

އުމަރު ވިދާޅުވީ 1992 ވަނަ އަހަރުގައި އެ އުޅަނދުތަކާއި ޕައިލެޓުން ވަނީ އެއާ މޯލްޑިވްސްގެ ދަށަށް ބަދަލުކޮށްފައި ކަމަށެވެ.

"ދިވެހި ސިފައިންނަށް ހެލިކޮޕްޓަރު ނުދުއްވޭނެ ކަމަށް ބުނުމަކީ ޖޯކެއް،" އޭނާ ވިދާޅުވިއެވެ.