ރިފާ ހަލީލު
ކ. މާފުށި މީހުންނަށް ފުރުސަތު ބޮޑުވާ ގޮތަށް އެ ރަށުން ގޯތި ދޫކުރާ އުސޫލު އިސްލާހުކޮށްފިއެވެ.
މާފުށިން ދޫކުރަން ނިންމާފައިވަނީ 2000 އަކަފޫޓުގެ 308 ގޯއްޗެވެ. މި ގޯތިތައް ދޫކުރުމަށް ނިންމާފައިވަނީ މާފުށިގައި އަލަށް ހިއްކާފައިވާ ސަރަހައްދުންނެވެ.
މާފުށިން ގޯތި ދޫކުރުމަށް ހުޅުވާލާ އިއުލާންކުރީ މިދިޔަ މަހުއެވެ. ނަމަވެސް އެ އުސޫލު ބާތިލުކޮށް މާފުށީ ކައުންސިލުން އިއްޔެ ކުރި އިއުލާނުގައި ބުނެފައިވަނީ ގޯތި ދޫކުރުމަށް ނިންމި އުސޫލަށް ދެ އިސްލާހެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން އުސޫލަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ އުމުރުން 40 އަހަރު ފުރިފައިވާ ނުވަތަ އެއަށްވުރެ ދޮށީ މީހުންނަށް 20 ޕޮއިންޓު ދޭނެ ކަމަށާއި އަދި މާފުށީ ރަށްވެއްސަކަށް ނުވާނަމަ 30 ޕޮއިންޓު އުނިކުރާނެ ކަމަށެވެ. މިއާއެކު މާފުށީ ރަށްވެހިން ނޫން މީހުންނަށް އެރަށުން ގޯތި ލިބުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވާނެއެވެ.
މާފުށި ކައުންސިލުގެ އިއުލާނުގައި ބުނެފައިވާ ގޮތުން، ގޯއްޗަށް އެދޭ ފޯމު ސަރުކާރުގެ ގެޒެޓުންނާއި އެ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބޭނެއެވެ. އަދި އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހަޅަންޖެހޭއިރު، މި މަހުގެ ނުވަވަނަ ދުވަހުން ފެށިގެން މާފުށީ ކައުންސިލް އިދާރާއިން ފޯމު ބަލައިގަންނަން ފަށާނެ ކަމަށް ބުނެފައިވެއެވެ.