ޚަބަރު

އެމެރިކާގެ ހާރިޖީ ވަޒީރުގެ ތައުރީފު ރާއްޖެއަށް

ރިފާ ހަލީލު

ޑިމޮކްރަސީ ހަރުދަނާކުރުމަށްޓަކައި ރާއްޖެއިން މަސައްކަތްތަކެއް ކުރަމުންގެންދާކަން ފާހަގަކޮށް އެމެރިކާގެ ހާރިޖީ ވަޒީރު، އެންތަނީ ބްލިންކަން ރާއްޖެއަށް ތައުރީފު ކުރައްވައިފިއެވެ.

އެންތަނީ ބްލިންކަން ރާއްޖެއަށް ތައުރީފު ކުރައްވާފައިވަނީ، އެމެރިކާގެ ރައީސް ޖޯ ބައިޑަން އިންތިޒާމު ކުރެއްވި ސަމިޓް ފޯ ޑިމޮކްރަސީގެ ސެޝަނެއްގައި "އެޑްވާންސިން ޓެކްނޮލޮޖީ ފޯ ޑިމޮކްރަސީ" މި މައުޟޫއަށް ވާހަކަދައްކަވަމުންނެވެ.

ބްލިންކަން ވަނީ ޑިމޮކްރަސީގެ އަސާސްތައް ކުރިއަރުވައި އެ ނިޒާމާ ގުޅުންހުރި މުއައްސަސާތައް ވަރުގަދަކޮށް ރައްޔިތުންނަށް އެކަންކަމުގެ ހެޔޮ ނަތީޖާ ދެއްކުމަށްޓަކައި އެކި ގައުމުތަކުން ޓެކްނޮލޮޖީ ބޭނުންކުރާ ގޮތް ފާހަގަކުރައްވައިފައެވެ.

އެގޮތުން ރާއްޖޭގައި ވީޑިއޯ ޓެކްނޮލޮޖީގެ އެހީގައި ވާޗުއަލްކޮށް ޝަރީއަތުގެ އަޑުއެހުންތަކުގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސަވާފައިވާކަން ފާހަގަކޮށް ބްލިންކަން ވިދާޅުވީ މި އިންތިޒާމުގެ ސަބަބުން ގާޒީންގެ ވަގުތު ސަލާމަތްކުރެވި ރައްޔިތުންގެ އަތުން ދާ ހަރަދުތައް ކުޑަކުރެވޭ ކަމަށެވެ.

ބްލިންކަން ވަނީ އެސްޓޯނިއާގައި އާންމު ހިދުމަތްތައް ހޯދުމަށް ހަމަޖެހިފައިވާ ލުއި ފަސޭހަތަކާއި މެލޭޝިއާގައި އަލަށް އިންތިހާބުގައި ވޯޓުލުމަށް ޝަރުތުހަމަވި ފަރާތްތައް ވަގުތުން އޮންލައިންކޮށް ރަޖިސްޓްރީ ކުރުމަށް އެ ގައުމުން ހަމަޖައްސާފައިވާ އިންތިޒާމުތައްވެސް ފާހަގަކުރައްވައިފައެވެ.

އަދި ޑިމޮކްރަސީ ހިމާޔަތްކޮށް ކަށަވަރުކުރުމަށްޓަކައި ޓެކްނޮލޮޖީގެ މުހިންމުކަމާއި ޓެކްނޮލޮޖީގެ ސަބަބުން މުޖުތަމައަށް އަންނަ ބަދަލުތަކުގެ އިތުރުން މުސްތަގުބަލަށް ވިސްނައި ޓެކްނޮލޮޖީގެ އެހީގައި ޑިމޮކްރަސީ ކުރިއެރުވައި ހިމާޔަތްކުރުމަށް ކުރެވޭނެ ކަންކަމާއި މިކަމާ ގުޅޭ ގޮތުން އެމެރިކާގައި މިހާރުވެސް ކުރަމުން އަންނަ މަސައްކަތްތައް އޭނާ ފާހަގަކުރެއްވިއެވެ.