ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތްކުރާނަން: ފައިސަލް

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަށް އެކި ގޮތްގޮތުން ކުރިމަތިވަމުންދާ މައްސަލަތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބަންގަލަދޭޝްގެ 48 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވެވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އެންމެ ބޮޑު ބައެއް ނިސްބަތް ވަނީ ބަންގްލަދޭޝްއަށް ކަމަށެވެ. އަދި ރާއްޖޭގެ އުމްރާނީ ތަރައްގީއާއި، އިގްތިސޯދީ ކުރިއެރުމުގައިވެސް ބިދޭސީ މަސައްކަތްތެރިންގެ މުހިންމު ދައުރެއް އަދާކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ބަންގްލަދޭޝްއާއެކު އޮތް ޒަމާންވީ ގުޅުމަކީ ދިވެހިރާއްޖެއަށް އަބަދުވެސް ވަރަށް ހާއްސަ ގުޅުމެއް ކަމަށެވެ. އަދި ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސޯދީ ތަރައްގީގައި ބަންގްލަދޭޝްއިން އަދާކޮށްފައިވާ މުހިންމު ދައުރު ފާހަގަކުރައްވައި، އެކަމަށްޓަކައި އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.