އިބްރާހިމް ޒަކީ
ރާއްޖެއިން ބައެއް ގައުމުތަކަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުންނަށް، ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ބައެއް ބޭފުޅުންނަށް މަޖިލީހުން ރުހުންދީފިއެވެ.
ސާދަ ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަަށް ހަތް ބޭފުޅެއްގެ ނަން ފޮނުއްވިއެވެ.
މި ބޭފުޅުންގެ ނަންތައް ދިރާސާ ކުރި، ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓުގައި ވަނީ، މި ހުރިހާ ބޭފުޅުނަށް މަޖިލީހުން ރުހުން ދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފައިވާ ކަމަށެވެ.
ނަމަވެސް މި ބޭފުޅުނަށް މަޖިލީހުގެ ރުހުންއޮތްތޯ ބެލުމަށް އިއްޔެގެ ޖަލްސާގައި ވޯޓު ނަގަމުން ގޮސް ވަކި ހިސާބަކުން ވޯޓް ސިސްޓަމަށް މައްސަލައެއް ދިމާވިއެވެ. އޭރު ވޯޓު ނަގަމުން ގެންދިޔައީ، ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު އާމިނަތު ޝަބީނާ އިތިއޯޕިއާ އަދި ކެންޔާއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން ފެނޭތޯއެވެ.
އެ ހިސާބުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިިސް ޖަލްސާގައި 56 މެންބަރުން ހާޒިރުވެވަޑައިގެން ތިއްބެވި އިރު، ވޯޓު ދެއްވާ ކަމަށް ސިސްޓަމުން ދައްކަނީ 52 މެންބަރުން ކަމަށެވެ. އެހެންވެ ކުޑަ ވަގުތު ކޮޅަކަށް ވޯޓަށް އެއްސެވުން މަޑުޖައްސާލެއްވުމަށްފަހު މަޖިލިސް ރައީސް ވަނީ އޭރު ވޯޓަށް އެހިފައިވާ ޝަބީނާގެ ނަމަށް ވޯޓަށް އެހުން ފަސް ނުކުރައްވައި، އެ ނަމަށް ރޯލްކޯލް ވޯޓަކަށް އައްސަވައިފައެވެ.
އެގޮތުން ޝަބީނާގެ ނަމަށް ވޯޓަށް އެއްސެވުމަށްފަހު ދެން ތިއްބެވި ބޭފުޅުންގެ ނަމަށް ވޯޓަށް ނާއްސަވައި މަޖިލިސް ރައީސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމަވައިލެއްވިއެވެ.