ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ކުޅިވަރުގެ ދާއިރާއިން ނުފުއްދި އޮތީ ހަމައެކަނި މާލޭގައި އިންޑޯ ސްވިމިން ޕޫލެއް އެޅުމަށް ވީ ވައުދު ކަމަށް ވަގުތީ ގޮތުން ޔޫތު މިނިސްޓްރީގެ ހިންގެވުމާ ހަވާލުވެ ހުންނެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ސްޕޯޓްސް ކައުންސިލަރުންގެ ތަމްރީން ޕްރޮގްރާމްގެ ނިމުން ފާހަގަކޮށް ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ރޭ ޗަންޕާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މާލޭގައި އިންޑޯ ސްވިމިން ޕޫލެއް އެޅުމަށް ވީ ވައުދު ފުރިހަމަ ނުކުރެވުނީ ސްވިމިންގ ޕޫލް އެޅުމަށް ކަނޑައެޅިފައިވާ ބިމުގެ މިލްކުވެރިކަމާ މެދު ދެބަސްވުންތަކެއް އުޅޭތީ ކަމަށެވެ.
އެއީ މިނިސްޓަރީގެ ބާރުގެ ދަށުގައި އޮތް ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ރައީސް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލަރެއް ބެހެއްޓުމަށް ވީ ވައުދާއި ކުޅިވަރު އެސޯސިއޭޝަން އޮޑިޓްކުރުމުގެ ނިމުން މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ.
އަދި ކުޅިވަރު ކައުންސިލަރުން ސިޔާސީ ކަންކަމާ ދުރުގައި ތިބުމަށް އަލީ ވަހީދު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
އަދި އެ ރަށެއްގެ ރައްޔިތުން އެއްބައިވަންތަ ކުރުމުގައި މުހިންމު ދައުރެއް އަދާކުރަން މަސައްކަތް ކޮށްދިނުމަށް އެދޭ ކަމަށާއި ބޭނުންވަނީ ކުރީ ޒަމާނުގައި އުޅުނު ގޮތަށް އެންމެން އެކީ ރަށްރަށުގައި ކުޅޭ ކުޅިވަރުތައް އަލުން ދިރުވައި އާލާކުރުން ކަމަށް ވިދާޅުވިއެވެ.