ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު، ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެ، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.
އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާޒިރުގައި މުލިއާގޭގައެވެ.
އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރެއްވުމާ ގުޅިގެން މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެމްބަރުންގެ އަދަދު ވަނީ 67 އަށް އަރައިފައެވެ. އަދި ޖުމްހޫރީ ޕާޓީގެ މެންބަރުންގެ އަދަދު ދެއަކަށް ވެއްޓޭނެއެވެ.
މެމްބަރު ހަމީދު ޖުމްހޫރީ ޕާޓީން ވަކިވެ، އެމްޑީޕީއާ ގުޅީވަޑައިގެންފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ ކޯލިޝަނުން ވަކިވެ، ވަކިން އިންތިހާބުގައި ވާދަކުރަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ނިންމެވުމާ ގުޅިގެންނެެވެ.
ގާސިމްގެ އެ ނިންމެވުމާ ގުޅިގެން، ޖޭޕީގެ އިސް ބައެއް ބޭފުޅުންވަނީ އެ ޕާޓީ ދޫކުރައްވައި، ރައީސް ސޯލިހަށް ތާއީދުކުރަން ނިންމަވައިފައެވެ.